ސްޕެނިޝް ލަލީގާގައި ރޭގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ވިޔަރިއާލް 2-0 އިން ބަލިކޮށް, ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.

ރެއާލުގެ ސަންޓިއާގޯ ބާނަބޭއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ގޮތުން މެޗު ފެށިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުރުގުއާއީގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭއެވެ. ވަލްވާޑޭގެ މި ލަނޑާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ރެއާލުގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކުރި ލަނޑެކެވެ. ވިނީޝިއަސްގެ މި ލަނޑާއެކު ރެއާލުން ވަނީ ފަސޭހަކަމާއެކު 2-0 ގެ ނަތީޖާ އަކުން ވިޔަރިއާލް ބަލިކޮށްފައެވެ.

މި މެޗު ކާމިޔާބު ކުރެވުމާއެކު ރެއާލުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ އެއްވަރު ކޮށްފައެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 21 ޕޮއިންޓު ކަމުގައިވީ ނަމަވެސް ބާސާއިން ކުޅެފައިވަނީ ރެއާލަށްވުރެ އެއް މެޗު މަދުންނެވެ. އެހެން ކަމުން ލަލީގާގެ އެއްވަނައިގައި ރެއާލުގެ މައްޗަށް ލީޑު ނެގުމުގެ ފުރުސަތު އަދި އެ ޓީމަށް އެބައޮތެވެ.