ސްޕެނިޝް ލަލީގާގައި ރޭގައި ވިޔަރިއާލްއާ ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއް ސަބަބުން ޑެނީ ކަރަވަހާލްގެ ސީޒަން ނިމިއްޖެއެވެ.
ރޭގައި ކުޅުނު މެޗުގައި 32 އަހަރުގެ ޑިފެންޑަރުގެ ކަކުލަށް އަނިޔާވީ ބޯޅައިގައި ޖެހުމަށް މަސައްކަތް ކުރުމަށް އުޅުމުގެ ތެރޭގައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ކަރަވަހާލްއަށް ކުރިމަތިވި މި އިންޖަރީގެ ސަބަބުން އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލުވަން ޖެހިފައެވެ.
ކަރަވަހާލްގެ އިންޖަރީގެ ސީރިއަސް ކަން ޔަގީން ކުރުމަށް ހެދި ޓެސްޓުތަކަށް ފަހު ޑޮކްޓަރުން ވަނީ އޭނާގެ ކަކުލުގެ އެންޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) އިރައިގެން ގޮސްފައިވާކަން ޔަގީން ކޮށްދީފައެވެ. ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި މި ފަހަކަށް އައިސް އޭސީއެލް އިރައިގެން ދިޔުން ގިނަވެފައިވާއިރު, މިއީ ރަނގަޅުވާން އެތައް މަހެއް ނަގާ އިންޖަރީއެކެވެ.
ކަކުލަށް ދިމާވި ސީރިއަސް އިންޖަރީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ކަރަވަހާލް ބުނީ އޭނާ ވަރަށް އަވަހަށް ސަރޖަރީ ކޮށް, ބޭނުންވާ ރެސްޓު ހޯދާނެ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ރިކަވަރީ ފަށާ, ކުރިއަށްވުރެ ވަރުގަދަކޮށް ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ސަޕޯޓަރުންނަށް ދީފައެވެ.