އެދެވޭ ފަދަ ނަތީޖާތަކެއް ނުނެރެވޭނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފިއެވެ.
މެގުއާ މިހެން ބުނެފައިމިވަނީ ދާދި ފަހުން ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ޕޯޗުގަލްގެ ކްލަބެއް ކަމުގައިވާ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން 3-3 އިން އެއްވަރުވުމާ ގުޅިގެން އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އެތައް ބައެއްގެ ބަހުގެ ހަމަލާތައް ރައްދުވެފައިވާ ދަނޑިވަޅެއްގައެވެ.
މީޑިއާތަކުން ޓެން ހާގަށް ފާޑުކިޔަމުންއައި ކަމުގައިވިއަސް މެގުއާ ވަނީ އެ ފާޑުކިޔުންތައް ރައްދުވާން ޖެހޭ ފަރާތަކީ ޓީމުގެ ކޯޗު ނޫންކަމަށާއި އެ ފާޑުކިޔުންތައް ރައްދުވާން ޖެހޭ ބަޔަކީ ޓީމުގެ ކުޅުންތެރިން ކަމަށް ބުނެފައެވެ.
މިއަދު ރާއްޖެ ގަޑިން ހައެއް ޖަހާއިރު އެސްޓަން ވިލާއާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ނިކުންނައިރު އެ ޓީމަށް މި ސީޒަނުގައި ކާމިޔާބު ކުރެވިފައިވަނީ ކުޅުނު 9 މެޗުގެ ތެރެއިން އެންމެ 3 މެޗެވެ. ޔުނައިޓެޑުގެ ނަތީޖާތަކަށް އެދެވޭ ބަދަލެއް އަންނަމުން ނުދާތީ އެ ކްލަބުގެ ބައެއް ސަޕޯޓަރުން އަންނަނީ އެރިކް ޓެން ހާގް ކޯޗު ކަމުގެ މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.