އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު 1-1 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓްއިން ފޯމުގައި އޮތް ޗެލްސީ މަތަކޮށްފިއެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޗެލްސީއެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގެ ލީޑު ނަގާފައިވަނީ ފޮރެސްޓްއިންނެވެ. ފޮރެސްޓްއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ފޮރެސްޓްގެ ކްރިސް ވުޑް ކާމިޔާބު ކުރި ލަނޑަކުންނެވެ.

ފޮރެސްޓްއިން ލީޑު ނެގުމާއެކު ޗެލްސީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 57 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ, ކޯލް ޕާމާ ދިން ޕާހަކުން ނޯނީ މަޑުއޭކޭ ކާމިޔާބު ކުރި ލަނޑެކެވެ.

ފޮރެސްޓްއަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު ޖޭމްސް ވާޑް ޕްރައުސްއަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ބާކީ ފަނަރަ މިނެޓު 10 ކުޅުންތެރިންނާއެކު ކުޅުނު ފޮރެސްޓް ކޮޅަށް ޗެލްސީއަށް އިތުރު ލަނޑެއް ޖެހޭ ގޮތް ނުވުމާއެކު މެޗު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުން އެއްވަރުވުމާއެކު ޗެލްސީއަށް ވަނީ ތާވަލުގެ ތިންވަނައިގައި އޮތް އާސެނަލްއާ އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ގެއްލިފައެވެ. ޗެލްސީއިން އޮތީ, ކުޅުނު 7 މެޗުން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ތިންވަނައިގައި އޮތް އާސެނަލްއަށާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. އެއްވަނައިގައި ލިވަޕޫލުން އޮތީ 18 ޕޮއިންޓާއެކުގައެވެ. ޗެލްސީ މަތަކޮށްލި ފޮރެސްޓް އޮތީ ކުޅުނު 7 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.