ސްޕެނިޝް ލަލީގާގައި އަލަވޭސް އަތުން 3-0 އިން މޮޅުވެ, ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އަލަވޭސްގެ މެންޑިޒޮރޮޓްޒާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސާއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 7 މިނެޓު ތެރޭގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕޮލޭންޑްގެ ތަޖުރިބާކާރު ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީއެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ބާސާގެ ލީޑު ތިން ގޯލަށް އިތުރު ކޮށްދީފައެވެ. އޭގެ ދިހަ މިނެޓު ފަހުން ލެވަންޑޮސްކީ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ, ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ލެވަންޑޮސްކީގެ މި ހެޓްރިކާއެކު އޭނާ ވަނީ މި ސީޒަނުގައި ލީގުގައި ޖުމްލަ 10 ލަނޑު ކާމިޔާބު ކޮށްފައެވެ.

މެޗުގެ 45 ވަނަ މިނެޓުގައި އަލަވޭސްގެ ޓޯނީ މާޓިނޭޒް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު, އެ ގޯލު ޖެހި އިރު މާޓިނޭޒް ހުރީ އޮފްސައިޑުގައި ކަމަށް ބަލާ އެ ގޯލު ސައްހަ ނޫން ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލެވަންޑޮސްކީ ކާމިޔާބު ކުރި ހެޓްރިކަށް އަލަވޭސްއަށް ރައްދެއް ނުދެވުމާއެކު ބާސާއިން ވަނީ ފަސޭހަ ކަމާއެކު 3-0 އިން އަމިއްލަ ރަށުން ބޭރުގައި އަލަވޭސް ބަލިކޮށްފައެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ބާސާއިން އޮތީ, ލީގުގައި ކުޅުނު 8 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައޮ އޮތް ބާސާގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ބާސާ އަތުން ނާކާމިޔާބުވި އަލަވޭސް އޮތީ, ކުޅުނު 9 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.