އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-2 އިން ޓޮޓެންހަމް ހޮޓްސްޕާ އަތުން, ބްރައިޓަން ހޯވް އަލްބިއަންއިން ކުރި ހޯދައިފިއެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މެޗު ޓޮޓެންހަމްއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑު ޖަހާ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. މިއީ, ފާއިތުވެދިޔަ 6 މެޗުގައި ޖޯންސަން ކާމިޔާބު ކުރި ހަވަނަ ލަނޑުކަން ފާހަގަކޮށްލަން ޖެހެއެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހުނަރުވެރި މިޑްފީލްޑަރު ޖޭމްސް މެޑިސަން ވަނީ ލަނޑެއް ކާމިޔާބު ކޮށް, ޓޮޓެންހަމްގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މެޑިސަންގެ މި ލަނޑާއެކު ޓޮޓެންހަމްއިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ފަސޭހަކަމާއެކު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބްރައިޓަންއިން ވަނީ އެ ޓީމުގެ ކުޅުން ބަދަލުކޮށް, ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން އެންމެ ތިން މިނެޓު ތެރޭގައި ބްރައިޓަންއިން ވަނީ ލަނޑު ޖަހާ ޓޮޓެންހަމްގެ ލީޑު އެއް ގޯލަށް ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔަންކޫބާ މިންޓޭއެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޖޯޖީނިއޯ ރަޓާ ކާމިޔާބު ކުރި ލަނޑާއެކު ބްރައިޓަންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބްރައިޓަންއިން ދަނޑުގައި ތިބި ހުރިހާ ސަޕޯޓަރުން އާޝޯހުކޮށްލާ މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ޓޮޓެންހަމްގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ އާސެނަލްއަށް ކުރިން ކުޅެދިން ކުޅުންތެރިޔެއް ކަމުގައިވާ ޑެނީ ވެލްބެކްއެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންއިން ދެއްކި ވަރުގަދަ ކުޅުމަށް ޓޮޓެންހަމަށް ރައްދެއް ނުދެވުމާއެކު, މެޗު ނިމިގެންދިޔައީ 3-2 އިން ބްރައިޓަން މޮޅުވެގެންނެވެ. ޓޮޓެންހަމް ބަލިވުމާއެކު މި މެޗަކީ, މި ދިޔަ 166 މެޗުގައި 2 ލަނޑުގެ ލީޑެއްގައި އޮއްވައި އެ ޓީމު ބަލިވި ދެވަނަ މެޗެވެ.
މިއަދުގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ބްރައިޓަން ވަނީ ކުޅުނު 7 މެޗުން 12 ޕޮއިންޓު ހޯދާ ގަދަ ހަޔަކަށް ޖެހިލައިފައެވެ. މެޗުން ނާކާމިޔާބުވި ޓޮޓެންހަމް އޮތީ ކުޅުނު 7 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.