ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި މިއަދު ތަގުރީރުކުރައްވައިފިއެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަގުރީރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސްވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ތަގުރީރުގައި ރައީސް ވަނީ، އިގްތިސާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފައެވެ. އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ހިދުމަތްތަކާއި، މެރިޓައިމް ސިނާއަތާއި، ޑިޖިޓަލް އިގްތިސާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގުތިސާދު ސިންދަފާތުކުރުމެވެ. ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަގުސަދުގައި ތަރައްގީކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެކެވެ.

މި ތަގުރީރުގައި ރައީސް ވަނީ، މިހާރު ފައްޓަވާފައިވާ އިގްތިސާދީ އިސްލާޙީ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2025 ވަނަ އަހަރު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.