ފުވައްމުލަކު ސިޓީގެ ނަރުދަމާގެ މައްސަލަތައް ހައްލުކޮށް މަރާމާތު ކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރައްވައިފިއެވެ.

އެކުންފުންޏާ އެމަސައްކަތް ހަވާލު ކުރެއްވީ ސާޅީސް ތިން މިލިއަން ދެ ލައްކަ ހަތްދިހަ އެއްހާސް ހަތް ސަތޭކަ ފަންސާސް އަށް ރުފިޔާ ވިހި ލާރިއަށެވެ. މި މަސައްކަތް ފެނަކައާ ހަވާލު ކުރެއްވީ 6 މަސް ދުވަހުން ނިންމާ ގޮތަށެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުގައި ސޮއި ކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ތިވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. ފެނަކައިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.

ފުވައްމުލަކު ނަރުދަމާގެ މައްސަލަ ޙައްލުނުވެ އޮންނަތާ މިހާރު އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންކަމުން އެކަމުގެ ދަތި އުނދަގޫކަން އެސިޓީގެ ރައްޔިތުން ދަނީ އުފުލަމުންނެވެ. ފެނަކަ އަކީ މިފަދަ ކަންކަމަށް ފައްކާވެފައިވާ ގާބިލް ކުންފުންޏެކެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެކުންފުނީން (އިރާދަ ކުރެއްވިއްޔާ) މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށްވަނީ ބުނެފައެވެ.