އަފީފުއްދީން ސްކޫލާއި ހާފިޒް އަޙްމަދު ސްކޫލްގައި ޤާއިމްކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ ތެރެއިން އަފީފުއްދީން ސްކޫލްގައި ޤާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިމިއްޖެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއީ އިންޑިއާގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ދެ ސްކޫލުގައި ކުރިއަށް ގެންދާ މި މަޝްރޫއުތައް ފެށިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެއް ސްކޫލުގައި ޤާއިމް ކުރުމާއި ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާނެ ވަސީލަތްތައް ޤާއިމު ކުރުމެވެ. މިގޮތުން އަފީފުއްދީން ސްކޫލުގައި އިންކްލޫސިވް ސަޕޯޓް ޔުނިޓެއް ޤާއިމް ކުރުމާއި އަދި ހާފިޒު އަޙުމަދު ސްކޫލުގައި ކުރިން ޤާއިމްކޮށްފައިވާ ސަޕޯޓް ޔުނިޓުގެ ޖާގަ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން މި ދެ ސްކޫލުގެ ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާނެ ވަސީލަތްތައް ސަޕޯޓް ޔުނިޓުތަކުގައި ޤާއިމް ކުރުމާއި، ސްކޫލުގައި ވޯކްވޭ އެޅުމާއި އަދި ޓީޗަރުން ތަމްރީން ކުރުން ވެސް މިމަޝްރޫއުގައ ހިމެނެއެވެ.

މިގޮތުން 2020 ވަނަ އަހަރު މި ދެ ސްކޫލް ހިމެނޭ ސަރަހައްދުގެ ސްކޫލުތަކަށްވެސް ފުރުސަތު ދީގެން ޖުމުލަ 35 ޓީޗަރުން ވަނީ ކްއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. ޕްރޮޖެކްޓް ނިމިގެންދާނީ މި އަހަރުގެ ޖޫން މަހު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.