އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް މިއަދު ހަވީރު 5:30 ގައި ސޯލްޓްކެފޭގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް ފުލުހުން ގޮސް ޕާޓީ ހުއްޓުވައިފިއެވެ.

ފުލުހުން ވަނީ ޕާޓީ ހުއްޓުވުމަށްފަހު އެތަން ފަސް ހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

އެޕާޓީ ހުއްޓުވުމަށްފަހު ފުލުހުން ނިކުތުމުން ވެސް ޕާޓީ ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ ދެވަނަ ފަހަރަށް އެތަނަށް ގޮސް ޕާޓީ ހުއްޓުވައިފިއެވެ. "އަޅުގަނޑުމެން ޕާޓީ ހުއްޓުވާލައިފައި ނުކުތުމަށްފަހު ވެސް އެތާ މީހުން ތިބިކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދެވަނަ ފަހަރަށް ގޮސް އެމީހުންނަށް ނަސޭހަތްދީ އެކަން ވާނީ ހުއްޓުވާފައި. އެއީ ދެވަނަ ފަހަރަށް ގައިޑްލައިނާ ޚިލާފުވީ ކަމަށް ނުބަލާ،" ފުލުހުން ވިދާޅުވިއެވެ.

އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ޤާނޫނީ ޝަޚުސަކުން އަމަލުކޮށްފި ނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ ފަސް ހާސް ރުފިޔާއިންނެވެ. ދެވަނަ ފަހަރު ފަންސަވީސް ހާސް ރުފިޔާއިންނެވެ. ތިން ވަނަފަހަރު ފަންސާސް ހާސް ރުފިޔާއިނެވެ. ހަތަރުވަނަ ފަހަރު ހަތްދިހަ ފަސް ހާސް ރުފިޔާއިންނެވެ. ފަސް ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މިދުވަސްވަރަކީ މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނައިން ފެންނަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިފަދަ ޕާޓީތަކާއި އެއްވުންތައް ބޭއްވުން އެޗުޕީއޭއިން ވަނީ މަނާ ކޮށްފައެވެ.