ސްރީލަންކާގެ ސަރުކާރު މަސްއޫލުވެރިންނާއި ވިޔަފާރި ޔޫނިއަންތަކުގެ މީހުންނަށް ފާޑު ވިދާޅުވަމުން ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނާޔަކަ ކުމާރަތުންގަ ސިފަކުރައްވަނީ، ސްރީލަންކާއަކީ މިހާރު ޗައިނާގެ ކޮލޮނީއެއް ކަމުގައެވެ.

ކުރާރަތުންގަ ގެ ފިރިކަލުން އަވަހާރަކޮށްލި މުނާސަބާގައި އަމިއްލަ ޓީވީ ސްޓޭޝަން ނިއުސްފަސްޓްއާ ވާހަކަ ދައްކަވަމުން ކުމާރަތުންގަ ވިދާޅުވީ، ދާދިފަހުން އިންޑިއާގެ ކުންފުންޏަކަށް ކޮލޮމްބޯ ކޮންޓެއިނާ ޕޯޓްގެ މަސައްކަތް ހަވާލުކުރަން އުޅުމުން ދެކޮޅު ހެދި ފަރާތްތަކުން ގައުމު ޗައިނާއަށް ވިއްކާލިއިރު ޗުއްޕޭވެސް ބުނެފައި ނުޥާ ކަމަށެވެ.

ކޮލޮމްބޯ ޕޯޓްގެ އީސްޓާން ކޮންޓެއިނާގެ ބައެއް ބިނާކުރުމަށް އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ވާހަކަ ދެކެވުމާ ގުޅިގެން ލަންކާ ޓްރޭޑް ޔޫނިއަންތަކުންނާއި ވާތުފިޔާގެ ޕާޓީތަކުންނާއި ހާމުދުރުންނާއި ސަރުކާރުގެ ބައެއް މަސްއޫލުވެރިން ވަނީ ފާޑު ކިޔާފައެވެ.

ކުމާރަތުންގަ ވިދާޅުވީ، "ޓްރޭޑް ޔޫނިއަންގެ މީހުންނާއި އެހެން ބައެއް ފަރާތްތަކުގެ ބެންކް އެކައުންޓްތައް ބަލާލައިފިނަމަ، ރެއަކާ ދުވާލަކުން އެމީހުން މިލިއަނަރުންނަށް ވީ ކިހިނެއްކަމާމެދު ތިބާ ހައިރާންވާނެ" ކަމަށެވެ.

ކުމާރަތުންގަ ވެރިކަމުގައިވެސް އަދި އެކަމަނާގެ މައިކަމަނާ ސްރީމާވޯގެ ވެރިކަމުގައިވެސް ގެންގުޅުއްވާފައި ވަނީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެކެވެ.

"އަޅުގަނޑުމެން އެއްވެސް ބަޔަކަށް ކުރުނީސް ނުކުރަން. އެއިރު ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ތިއްބެވި ބޭފުޅުންނަށް ޚާރިޖީ ސިޔާސަތާއި ޚާރިޖީ ގުޅުން އެނގިވަޑައި ގަންނަވާ" ކުމާރަތުންގަ ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ ބައެއް ބޭފުޅުން ޚާރިޖީ ސިޔާސަތު ޖޯކަކަށް ހައްދަވާފައިވާ ކަމަށް ހާމަކުރައްވަމުން އެކަމަނާ ފާޑު ވިދާޅުވިއެވެ.

"މިއަދު ހުރިހައި މާނައެއްގައިވެސް އަހަރަމެންނަކީ ޗައިނާގެ ކޮލޮނީއެއް" އެކަމަނާ ވިދާޅުވިއެވެ.

ސްރީލަންކާ ތަރައްގީ ވުމަށްޓަކައި ބޭނުންވަނީ އެހެން ފަންވަރެއްގެ ލީޑަރުންތަކެއް ކަމަށް ސިފަކުރައްވަމުން ޗަންދްރިކާ ވިދާޅުވީ، ޒުވާން ކިޔަވައިގެން ތިބި އެކަމަކު ކޮރަޕްޝަނަށް ނުހެއްލޭ ޒާތުގެ ސިޔާސީ ލީޑަރުން މިއަދު ގައުމަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއްވެސް ނިމިދިއުމުން ކުރީގެ ސަރުކާރަށް މަލާމާތް ކޮށް ހަދާނަމަ އެބަޔަކު ރަނގަޅެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ގައުމު ސަލާމަތް ކުރެއްވުމަށް ކުމާރަތުންގަ ކުރިއަށް ނިކުންނަވާނެތޯ ސުއާލު ދެންނެވުމުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެކަމަނާ ކުރިއަށް ފިޔަވަޅު އަޅުއްވާ ކަމަށެވެ. އަދި ފަހަތަށް ޖެހިވަޑައިގަތުގެ ޚިޔާލެއް ނެތްކަމުގައި ވިދާޅުވިއެވެ.