ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި, ބޮލީވުޑުގެ ނަން މަޝްހޫރު ގިނަ ތަރިންތަކަކާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓަކައި ބޮލީވުޑުގެ ތަރިންނާ ކުރެއްވި މި ބައްދަލުވުމުގައި ބައިވެރިވި ގިނަ ތަރިންތަކެއް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފާހަގަކުރައްވާ, ރާއްޖޭގެ އާދަކާދަތަކާ މެހެމާންދާރީގެ ފުރިހަމަކަމަށް ތައުރީފުކޮށްފައެވެ.

މި ބައްދަލުވުމުގައި ބޮލީވުޑުގެ ތަޖުރިބާކާރު އެކްޓްރެސްއެއް ކަމުގައިވާ ޝިލްޕާ ޝެޓީ ވަނީ އޭނާ ރާއްޖެއަށް ކުރި ދަތުރުތަކުގައި ލިބުނު ތަޖުރިބާތަކުގެ ފުރިހަމަކަން ހިއްސާކޮށްފައެވެ.

"އަހަރެން ރާއްޖޭގެ އެކި ރިސޯޓުތަކަށް އެކި ފަހަރުގެ މަތިން ގޮސްފިން. އެއިން ކޮންމެ ދަތުރެއް ވެސް ވެގެންދަނީ އަހަންނަށާއި އަހަރެންގެ ދަރިންނަށް ވަރަށް އުފާވެރި ވަގުތުތަކެއް ލިބިގެންދާ ދަތުރަކަށް. ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތި ކަމާއި ކެއުންތަކުގެ ރަހަ އެހާ މީރުއިރު ރާއްޖެއަށް ނުދާންވީ ސަބަބެއް ނެތް" ރާއްޖޭގައި ޝިލްޕާ ހޭދަ ކުރި ދުވަސްތަކުގެ ފުރިހަމަކަމަށް އަލިއަޅުވާލަމުން އޭނާ ބުންޏެވެ.

ޝިލްޕާގެ އިތުރުން ކަރިޝްމާ ކަޕޫރު, ޝްރިތަން ސަރަން, ސޮނަކްޝީ ސިންހާ އަދި ސަނީ ކައުޝަލް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންފައެވެ.

މި ބައްދަލުވުމަކީ, އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް, ރާއްޖޭގެ ފަތުރުވެެރިކަން އިޝްތިހާރުކޮށް, ރާއްޖެއަކީ ބޮލީވުޑުގެ ފިލްމުތައް ކުޅުމަށް މަޝްހޫރު މަންޒިލަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.