ރެޑްބުލް ގްރޫޕުގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމަށް ޔާގަން ކްލޮޕް އައްޔަނުކޮށްފިއެވެ.
ދާދި ފަހުން ލިވަޕޫލުގެ ކޯޗު ކަމުގެ މަގާމުން އިސްތިއުފާދިން ޔާގަން ކްލޮޕް ރެޑްބުލް ގްރޫޕުގެ ހިއްސާ އޮންނަ ހުރިހާ ކްލަބެއްގެ ހެޑް އޮފް ސޮކާ ކަމުގެ މަގާމުގެ ޒިންމާތައް އަދާ ކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ 1 ޖަނަވަރީ އިން ފެށިގެންނެވެ.
މި މަގާމަށް ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ކްލޮޕް ވަނީ އޭނާގެ އާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ. މި މަގާމަކީ އޭނާ ކުރިން އަދާކުރި ކޯޗުކަމުގެ މަގާމާ ތަފާތު މަގާމެއް ކަމުގައިވިއަސް ފުޓުބޯޅައަށް އޭނާގެ ހިތުގައި އޮތް ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
"އަހަރެން ބޭނުން ވަނީ ރެޑްބުލް ގްރޫޕުގެ ބެލުމުގެ ދަށުގައި ތިބި ކުޅުންތެރިން ދުވަހުން ދުވަހަކަށް ކުރިއެރުވުމަށް. މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް އަހަރެން މި ހުރީ ކެތްމަދުވެފަ. ކުރިން އަހަރެން އަދާކުރި ކޯޗުކަމުގެ މަގާމުތަކާ ތަފާތު މަގާމަކަށްވިއަސް އަހަރެން ފުޓުބޯޅަދެކެ ވާ ލޯތްބަކީ ބަދަލެއް އަންނާނެ އެއްޗެއް ނޫން" ރެޑްބުލް ގްރޫޕާ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.
މިއީ, 2023-2024 ވަނަ ސީޒަން ނިމުމުން ލިވަޕޫލުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކްލޮޕު ހަވާލުވާ ފުރަތަމަ މަގާމެވެ. ލިވަޕޫލު އާ އުސްމިންތަކަކަށް ވާސިލުކޮށްދިން ކްލޮޕު, ހެޑް އޮފް ސޮކާގެ މަގާމަށް އައްޔަނު ކުރެވުމަކީ ރެޑްބުލް ގްރޫޕުގެ ބެލުމުގެ ދަށުގައި އޮތް 5 ކްލަބަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.