ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގެ ސްޓޭޑިއަމްގެ ނަމުގެ ރައިޓްސް ސައުދީ އަރަބިއާގެ ސްޓޭޓް އެއާލައިނުން ގަނެފިއެވެ.
އެޓްލެޓިކޯގެ މެޓްރިޕޮލިޓާނޯ ސްޓޭޑިއަމްގެ ނަމަށް ބަދަލު ގެނައުމުގެ ރައިޓްސް ސައުދީގެ ސްޓޭޓް އެއާލައިނުން ގަތީ, ފުޓުބޯޅައިގެ ދާއިރާގައި އެ ގައުމުގެ ނުފޫޒު ބާރުގަދަ ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
އެތުލެޓިކޯއިން ވަނީ އިއްޔެގެ ވަގުތެއްގައި އެ ކްލަބުގެ "މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމް" ގެ ނަން "ރިޔާޟް އެއަރ މެޓްރޮޕޮލިޓާނޯ" އަށް ބަދަލު ކުރަން ނިންމާފައިވާކަން ޔަގީން ކޮށްދީފައެވެ. އެޓްލެޓިކޯގެ ސްޓޭޑިއަމްއަށް ކުރިއަށް އޮތް ނުވަ ސީޒަނުގައި ރަސްމީކޮށް ކިޔާނީ އެ ނަމުން ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.
ސައުދީގެ ސްޓޭޓްއާ ހެދި އެއްބަސްވުމެއްގެ ދަށުން އެޓްލެޓިކޯގެ ސްޓޭޑިއަމްގެ ނަން ރިޔާޟް އެއަރ މެޓްރޮޕޮލިޓާނޯއަށް ބަދަލުކުރުމާއެކު މިއީ, އެ ކްލަބުގެ ތާރީހުގައި ސްޓޭޑިއަމްގެ ނަމަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ.
އެޓްލެޓިކޯއިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު, ޗައިނާގެ ރިއަލް އެސްޓޭޓް ކުންފުންޏަކާ ހެދި އެއްބަސްވުމެއްގެ ދަށުން ސްޓޭޑިއަމަށް "ވަންޑާ މެޓްރޮޕޮލިޓާނޯ" އެ ނަން ކިޔާފައެވެ. އެންމެ ފަހުން އެޓްލެޓިކޯއިން އެ ކްލަބުގެ ސްޓޭޑިއަމްގެ ނަން ބަދަލު ކުރީ 2022 ވަަނަ އަހަރުގައެވެ. އެ އަހަރު އެ ކްލަބުގެ ސްޓޭޑިއަމްގެ ނަން ބަދަލުކުރީ "ސިވިޓަސް މެޓްރޮޕޮލިޓާނޯ" އަށެވެ. މި ނަމަކީ, ސްޕެއިންގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރއަކާ ހެދި އެއްބަސްވުމަކާ ގުޅިގެން ގެނައި ބަދަލެކެވެ.