ދިވެހިރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަގުރީރުކުރައްވަމުންނެވެ. މި ފޯރަމް ކުރިއަށްގެންދިޔައީ، އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

އެ ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ހިދުމަތްތައް ތައާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާހުކޮށްގެން، ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައިއާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކް ކުންފުނިތަކާއި، ތައުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ތަގާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިގުތިސާދީ ގުޅުންތައް ގާއިމުކުރެވިފައިވާ ދެ ގައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސް ސިފަކުރެއްވިއެވެ.

އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިތުރަށް ދިރާސާކުރުމަށް، އެމަނިކުފާނު އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު އެރުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާއަތަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.