100 ގެސްޓްހައުސްއާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓްހައުސް ސިމްޕޯޒިއަމް 2024 މިއަދު ފަށައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި އިވެންޓް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އެމްއައިބީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ކުމްރީ ވިދާޅުވީ، މި ސިމްޕޯޒިއަމަކީ ގެސްޓްހައުސް ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައެވެ. އަދި މިފަދަ ސިމްޕޯޒިއަމެއް ބޭއްވުމަކީ ލިބޭ އުފަލެއްކަމާއި މި އިވެންޓުގައި ބާއްވާ ޕެނަލް ޑިސްކަޝަންތަކުން ބައިވެރިންނަށް ފައިދާވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މުފައްދަލް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އާމްދަނީ ލިބޭ ދާއިރާ ކަމަށްވާއިރު، ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތަ ގެސްޓްހައުސްތަކުން ހިއްސާ ކުރުމަކީ ޝުކުރު ހައްގު ކަމެކެވެ. އަދި 2008 ވަނަ އަހަރު ފެށުނު ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ރަށްރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން މުފައްދަލް ފާހަގަކުރެއްވިއެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމްގައި، ގެސްޓްހައުސްއާ ގުޅުންހުރި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި މާހިރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ، އެ ބޭފުޅުންގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސިމްޕޯޒިއަމްއަކީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ލިބޭ ފުރުޞަތެއްކަމަށް އެމްއައިބީއިން ވިދާޅިވިއެވެ.