ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ގައުމަކީ އިންޑިއާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް، ޒަމާންވީ އަދި އެތައް ގަރުނެއްގެތެރޭގައި އުފެދިފައިވާ ގުޅުމެއް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ. އެގޮތުން އަންނަ އަހަރަކީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ ފަސްދޮޅަސް ވަނަ އަހަރުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މި ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން އެހީތެރިވެފައިވާކަމީ އެންމެންނަށް އެނގޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއީ ހަގީގަތް. އަޅުގަނޑުމެންނާއި އެންމެ ކައިރި ނެއިބަރ، އަވަށްޓެރިޔާ. އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަންކުރުމުގައި، ދެ ގައުމުގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްގުގައި، އަޅުގަނޑު އެ ދުވަހު އިއުލާނުކުރި ސިޔާސަތުގެ ދަށުން ކުރިޔަށްދާނެ، މިކަން އޮންނަންވާނެ ގޮތް،"
އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ކާމިޔާބީ މިނެކިރުއްވީ ކަނޑައެޅުއްވި މަގުސަދު ހާސިލްވެފައިވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިއުމަކީ މުހިންމު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން ދިވެހިރާއްޖެއާ އެހެން ގައުމުތަކާ އެކު ގުޅުންތައް ބާއްވަމުން ގެންދަވަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން ކަށަވަރުކުރެވޭ ގޮތަށް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ދިވެހި ގައުމާ ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާ އެ ސިޔާސަތާ އެއްގޮތަށް އަދި ގައުމަށް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ގާއުމަކާއެކު ގާތްގުޅުން ބާއްވާނެކަމުގައެވެ. އަދި އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާ ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.