ކޮވިޑްގެ ކުދިކުދި އަލާމާތްތައް ހުންނަ މީހުންގެ ތެރެއިން ކުއްލި ކުއްލިއަށް ހާލު ދެރަވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ކޮވިޑްގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރެއް ކަމަށްވާ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމްގައި ހިމެނހިވަޑައިގަންނަވާ ޑރ. މުރާދު ވިދާޅުވީ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައި ވިޔަސް ކުއްލިއަކަށް ހާލު ދެރަވާ މީހުންވެސް ވަރަށް ގިނައިން ފާހަގަވާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދޭ ކުޑަކުދިންގެ އަދަދު މިހާރަކަށް އައިސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މީހުންގެ ހާލު ސީރިއަސްވެ ދިގު މުއްދަތަކަށް ފަރުވާދޭންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެކަންކަމަށް އޮތް ހައްލަކީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ހުރިހާ ރައްޔިތުން ވެސް ތަބާވުން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

އެޗްޕީއޭއިން ރައްޔިތުންގެ ރައްކާތެރިކަމަށްޓައި ކިތަންމެ ފިޔަވަޅެއް އެޅި ކަމުގައި ވިޔަސް އެކަމަށް ބޯނުލަނބާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރެވެ އެވެ. ކައިވެނި ޕާޓީތައް މާލޭގައި ބޭއްވުން އަންނަނީ އިތުރުވަމުންނެވެ. މިކަންކަން ކުރަނީ ފުލުހުންނަށާއި އެޗްޕީއޭ އަށް ސިއްރުންނެވެ. މިއަދު ވަނީ މާލޭގެ ސޯލްޓް ކެފޭގައި ސިއްރުން ކައިވެނި ޕާޓީއެއް ބޭއްވިކަން ފަޅާއަރާފަ އެވެ. ފުލުހުން ވަނީ އެ ޕާޓީ ހުއްޓުވައި އެ ކެފޭ ޖޫރިމަނާ ކޮށްފަ އެވެ.

އަދި މިރޭ މާލޭގެ އެހެން ރެސްޓޯރަންޓެއްގައި ބޭއްވި އުފަންދުވަހުގެ ޕާޓީއެއް ވެސް ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ރައްޔިތުން އެޗްޕީއޭގެ އެންގުންތަކަށް އަމަލު ނުކުރާކަން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުން ވެސް ހާމަވެއެވެ. މިއަދު މާލެއިން އެކަނި 139 މީހުން ޕޮޒިޓިވްވެފައިވެ އެވެ. ޖުމްލަ މިއަދު ޕޮޒިޓިވްވީ 161 މީހުންނެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.