ޓެންޒޭނިއާގައި ކޮވިޑް-19 ބަލިމަޑުކަން އުޅޭކަމަށް އެގައުމުގެ ރައީސް ޖޯން މަގުފުލީ އެންމެފަހުން އިއުތިރާފްވެވަޑައި ގެންފިއެވެ.

ޓެންޒޭނިއާގެ ރައީސް މިކަމަށް އިއުތިރާފްވެވަޑައި މިގެންނެނީ، އެގައުމުގައި ކޮވިޑް ބަލިމަޑު ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށްބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

މިދިޔަ 2020 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ޓެންޒޭނިއާއިން އެއްވެސް މީހަކަށް ކޮވިޑް ބަލި ޖެހުނު ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އޭރު ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ވިދާޅުވީ، އެގައުމުން ކޮވިޑް-19 ބަލިކޮށް ނައްތާލާފައިވާ ކަމަށެވެ.

ޓެންޒޭނިއާގެ ރައީސް ވިދާޅުވެފައިވަނީ، އެގައުމުން ކޮވިޑްބަލިމަޑުކަން ނައްތާލީ "ދުއާކޮށްގެން" ކަމަށެވެ.

އޭޕްރީލް މަހާ ހަމައަށް ޓެންޒޭނިއާއިން ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ 509 މީހުންނަށެވެ. އަދިވެސް އެ އަދަދުއޮތީ އެ ވަރަށެވެ.

ނަމަވެސް، ޑަބްލިޔުއެޗްއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޓެންޒޭނިއާއިން އަވަށްޓެރި ގައުމުތަކަށާއި، އެހެން ހިސާބުތަކަށް ދަތުރުކުރި އެތައްބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިކަމާހެދި ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމްވަނީ، ޓެންޒޭނިއާގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ޓެންޒޭނިއާގެ މައްސަލާގައި އެމެރިކާގެ އިތުރުން، ޓެންޒޭނިއާގެ އެންމެބޮޑު ކްރިސްޓިއަން ފައްޅިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ޑަބްލިޔުއެޗްއޯގެ އިންޒާރު އައިތާ އެއްދުވަސްފަހުން ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީވަނީ، އެގައުމުގައި ކޮވިޑްބަލި އުޅޭކަމަށް އިއުތިރާފްވެވަޑައި ގެންފައެވެ.

ވެރިރަށް ޑޮޑޯމާގައި ހުންނަ ކްރިސްޓިއަން ފައްޅިއެއްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޖޯން މަގުފުލީވަނީ، ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށްވެސް އާންމުންނަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

ރައީސް މަގުފުލީ މި ބަޔާން ދެއްވިތާ މާ ގިނައިރެއް ނުވަނީސް، ޓެންޒޭނިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީންވެސްވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، މާސްކް އެޅުމަށާއި، ގިނަގިނައިން އަތްދޮވުމަށް ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.