ވަރލްޑް ކަޕް ކޮލިފައިންގައި އިރާނާއި ޤަތަރު މިމަހުގެ 15 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗް ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫއޭއީގައި ކުޅޭ ގޮތަށް އޭއެފްސީއިން ހަމަޖައްސައިފިއެވެ.

ކުރިން މިމެޗް ކުޅޭ ގޮތަށް އޮތީ އިރާނުގައެވެ. އެކަމަކު އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާދޭން މަސައްކަތް ކުރަމުން އަންނާތީވެ އިރާނުގެ ސަލާމަތީ ހަލަތާމެދު ސުވާލު އުފެދުނީއެވެ.

ޔޫއޭއީގައި އިރާނާއި ޤަތަރު ބައްދަލު ކުރާ މެޗް ވެގެންދާނީ އޭޝިޔާ ޒޯނުގެ ގްރޫޕް "އޭ" ގެ އެއްވަނަ ހޯދުމަށް އިރާނަށް ވަރަށް މުހިއްމު މެޗަކަށެވެ. މިހާތަނަށް ކުޅުނު 3 މެޗުން އިރާނަށް 7 ޕޮއިންޓް ލިބިފައިވާއިރު، 7 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ކުރި ހޯދައިގެން އެއްވަނައިގައި އޮތީ އުޒްބެކިސްތާނެވެ. ކޮލިފައިންގައި ރޭ އުޒްބެކިސްތާނާއި އިރާން ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޤަތަރު އޮތީ 4 ޕޮއިންޓާއެކު މި ގްރޫޕުގެ 4 ވަނައިގައެވެ.