ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕު "އެފް" ގައި ރޭގައި ކުޅުނު މެޗުގައި ވަރުގަދަ އިނގިރޭސި ވިލާތް އަތުން 2-1 ގެ ނަތީޖާއަކުން ގްރީސް ކުރި ހޯދައިފިއެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އިނގިރޭސިންނެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ, ގްރީސްއިން ވަނީ އިނގިރޭސިންގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމު ބަލިކޮށްފައެވެ.

ރޭގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގާފައިވަނީ ގްރީސްއެވެ. މި ލަނޑަކީ މެޗުގެ 49 ވަނަ މިނެޓުގައި ގްރީސްގެ ސްޓްރައިކަރު ވަންގެލިސް ޕަވްލިޑިސް ކާމިޔާބު ކުރި ލަނޑެކެވެ.

ޕަވްލިޑިސްގެ ލަނޑާއެކު އިނގިރޭސި ވިލާތުން އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކުރި ކަމުގައިވިއަސް ގްރީސްގެ ވަރުގަދަ ޑިފެންސް ލައިންއިން ވަނީ އިނގިރޭސިންގެ ގިނަ ހަމަލާތައް މަތަކޮށްފައެވެ. އިނގިރޭސި ވިލާތަށް ގްރީސްގެ ހުށިޔާރު ޑިފެންސް ލައިން ފޫ އަޅުވާލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ އެންމެ އަލިގަދަ އެއް ތަރި ކަމުގައިވާ ޖޫޑް ބެލިންގްހަމް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުގެ ފަހު ވަގުތުގައި އިނގިރޭސިން ނަތީޖާ ހަމަހަމަ ކުރިކަމުގައިވިއަސް ގްރީސްއިން ވަނީ ހިތްވަރު އެލުވާނުލައި އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލަނޑު ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ލިބުމެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕަވްލިޑިސްއެވެ.

ފަހު ވަގުތު ޕަވްލިޑިސް ޖެހި ލަނޑާއެކު ގްރީސްއިން ވަނީ 2-1 ގެ ނަތީޖާއިން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތް ބަލިކޮށްފައެވެ.

މި ލިބުނު ބޮޑު މޮޅާއެކު އެ ޓީމު ވަނީ ގްރޫޕު "އެފް" ގެ އެއްވަނައަށް ޖެހިލައިފައެވެ. ގްރީސް, އެއްވަނައިގައި އޮތީ ކުޅުނު 3 މެޗު ވެސް ކާމިޔާބު ކޮށް ހޯދި ތިން ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އިނގިރޭސި ވިލާތް އޮތީ ހަ ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައެވެ.