ވަރލްޑް ކޮލިފައިންގައި ދަށް ނަތީޖާތަކެއް ލިބެމުންދިޔަ ބްރެޒިލުން ރޭ ޗިލީގެ މައްޗަށް 2-1 އިން ކުރި ހޯދައިފިއެވެ.
ޗިލީގައި ކުޅުނު މިމެޗުގެ ދެވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑް ނެގީ ޗިލީއިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އެޑްއާޑޯ ވާގަސްއެވެ. ބްރެޒިލުން އެއްވަރު ކުރީ ފުރަތަމަ ހާފް ނިމެންދަނިކޮށް އިގޯރ ޖީސަސްއެވެ. މެޗުން ބްރެޒިލް މޮޅުވި ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ހެންރިކޭއެވެ.
މިމޮޅާއެކު 13 ޕޮއިންޓް ހަމަކޮށް ބްރެޒިލް ވަނީ ތާވަލުގެ 4 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މިއަދު ހެނދުނު އެއްވަރުވީ ވެނަޒުއެލާއާ ކުޅެ 1-1 އިންނެވެ. ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުން އާޖެންޓީނާއިން ލީޑް ނަގާފައިވަނިކޮށް ވެނަޒުއެލާއިން އެއްވަރު ކުރީ ދެވަނަ ހާފުގައި ސަލޮމޮން ރޮންޑޮން ކާމިޔާބު ކުރި ލަނޑުންްނެވެ.
މިމެޗުގެ ފުރަތަމަ އެގާރައިގައި ކެޕްޓަން ލިއޮނަލް މެސީ ކުޅުނެވެ. މިއީ އެންމެފަހުގެ ކޮޕާ އެމެރިކާ ފައިނަލުގައި ލިބުނު އަނިޔާއަށްފަހު ގައުމީ ޖާޒީގައި މެސީ ކުޅުނު ފުރަތަމަ މެޗެވެ.
މިމެޗް ކުރިއަށް ގެންދިޔައީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުޅެން އުނދަގޫވާވަރަށް ދަނޑުގައި ފެންހެދި އޮއްވައެވެ.
މިމެޗުން އެއްވަރުވިނަމަވެސް ދެކުނު އެމެރިކާ ބައްރުގެ އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ. އެއީ 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 16 ޕޮއިންޓާއެކު އޮތް ކޮަލަމްބިއާ ރޭ ވަނީ ބޮލީވިޔާ އަތުން 1-0 އިން ބަލިވެފައެވެ.