ގޯލް ސްޓޯންއަކީ ފުރަމޭ (ލިވާ) ގެ ކައިރީގައި ހުންނަ ކުޑަ ގުނަވަނެއް ކަމަށްވާ ގަލްބްލަޑާގައި އުފެދޭ ރީނދޫ ދިޔަ ނުވަތަ ބައިލް ނަމަކަށް ކިޔާ ހަޖަމުކުރާ ފްލުއިޑް ހަރުވީމާ އުފެދޭ ގާފަދަ ތަކެއްޗައް ކިޔާ ނަމެވެ.

ހަޖަމުކުރުމުގައި ސަރުބީ ބްރޭކް ޑައުންކުރުމަށް ބައިލް އަކީ ވަރަށް މުހިންމު މާއްދާއެކެވެ. ބައިލްގެ ބެލެންސް ގެއްލިއްޖެނަމަ، ގޮހޮރުގައި މި ގާތައް އުފެދިދާނެއެވެ. ގޯލްސްޓޯންސް ހުންނަނީ ތަފާތު ސައިޒުތަކުގައެވެ. އެންމެ ކުޑަވެގެން ފުކެއްގެ ސައިޒުން ފެށިގެން އެންމެ ބޮޑުވެގެން ގޯލްފް ބޯޅައެއްގެ ސައިޒަށް ހުރެދާނެއެވެ. އެއްފަހަރުގެ މަތިން އެއް ގާނުވަތަ ނުވަތަ ބައިވަރު ގާ އުފެދިދާނެއެވެ.

ގިނަ މީހުންނަށް ގޯލްސްޓޯންސް އުފެދުނަސް އޭގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް، ގޯލްސްޓޯންސްއިން ބައިލް ހޮޅިއެއް ބަންދުވެއްޖެނަމަ، ކުއްލިއަކަށް ބަނޑުގެ މަތީ ބައިގައި ނުވަތަ ބުރަކަށީގައި ނުވަތަ ކޮނޑުގައި ވަރަށް ބޮޑަށް ރިހުން އިހުސާސްވެދާނެއެވެ. އަދި ހޮޑުލުމާއި ބޯއެނބުރުން ވެސް ދިމާވެދާނެއެވެ.

ވަރަށް ސީރިއަސް ހާލަތްތަކުގައި ގޯލްސްޓޯންސްގެ ސަބަބުން ނުރައްކާތެރި ބަލިތަކެއް ފެނިދާނެއެވެ. މީގެ ތެރޭގައި ގޯލް ބްލެޑާރ އިންފްލޭމްވުމާއި، ބައިލް ނުވަތަ ޕެންކްރިއޭޓިކް ހޮޅިތައް ބަންދުވުމާއި، އަދި ގާލް ބްލެޑާރގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވުން ހިމެނެއެވެ. ނުރައްކާތެރި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ރީނދޫވުމާއި، ވަރަށް ބޮޑަށް ރިހުމާއި، އަދި ގަދަޔަށް ހުންއައުން ހިމެނެއެވެ.

ގޯލްސްޓޯންސް އުފެދޭ ސަބަބު ސީދާ ސާފެއް ނޫނެވެ. ނަމަވެސް، ބައިލްގައި ހުންނަ ކޮލެސްޓްރޯލް ނުވަތަ ބިލިރޫބިން އިތުރުވުމާއި، ގޯލްބްލެޑާރ ރަނގަޅަށް ހުސްނުވުން ފަދަ ކަންކަމުގެ ސަބަބުން މިކަން ދިމާވާ ކަމަށް ޤަބޫލުކުރެވެއެވެ. އެންމެ އާންމުކޮށް އުފެދެނީ ރީނދޫކުލައިގެ ކޮލެސްޓްރޯލް ސްޓޯންސްއެވެ. އަދި ކަޅުކުލައިގެ ސްޓޯންސް އުފެދެނީ ބިލިރޫބިން އިތުރުވުމުގެ ސަބަބުންނެވެ.

ގޯލްސްޓޯންސް އުފެދުމުގެ ރިސްކު އިތުރުވާ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށްވުމާއި، އުމުރުން 40 އަހަރުން މަތީގެ މީހުންނަށްވުމާއި، ބަރުދަން އިތުރުވުމާއި، ހަރަކާތް މަދުވުމާއި، ހަކުރުބަލި ނުވަތަ ފުރަމޭގެ ބަލި ހުރުން ހިމެނެއެވެ. އަދި އަވަހަށް ބަރުދަން ލުއިކުރުމާއި، މާބަނޑުވުމާއި، ތަލާއި ސަރުބީ ގިނަ ކާނާ ކެއުމަކީ ވެސް މިކަމުގެ ރިސްކު އިތުރުވާ ކަންތައްތަކެވެ.

ގޯލްސްޓޯންސް އުފެދުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި، ފައިބަރު ގިނަ ކާނާ ކެއުމަށާއި، ބަރުދަން ދުޅަހެޔޮ މިންވަރެއްގައި ހެފެހެއްޓުމާއި، ކަސްރަތުކުރުމާއި، އަދި އަވަހަށް ބަރުދަން ލުއިކުރުމުން ދުރުހެލިވުމަށް މާހިރުން ލަފާދެއެވެ.

ގޯލްސްޓޯންސް ސަބަބުން އަލާމާތްތައް ފެންނަ ހާލަތްތަކުގައިކުގައި، ގަލްބްލެޑާރ ނެގުމަށް ސަރޖަރީ ކުރަން ޖެހިދާނެއެވެ. ނަމަވެސް، އެއްވެސް މައްސަލައެއް ދިމާނުވާ ގަލްސްޓޯންސްއަށް އާންމު ގޮތެއްގައި ހާއްސް ފަރުވާއެއް ބޭނުމެއް ނުވެއެވެ.

މަޢުލޫމާތު ނަގާފައިވަނީ މޭޔޯ ކްލިނިކް އިންނެވެ.