އަންހެނުންގެ ހަށިގަނޑު އުމުރުން ދުވަސްވަމުން ދާއިރު އެކި ބަދަލުތަކަކަށް ހުށަހެޅެއެވެ. އެހެންކަމުން އެންމެ ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ނިއުޓްރިއަންޓްސް ލިބެންޖެހެއެވެ.

ނިއުޓްރިއެންޓްސްގެ ގޮތުން ވަރަށް މުއްސަނދި ފަތުގެ ބާވަތެއް ކަމުގައިވާ ސްޕިނިޗްގައި އަންހެނުންގެ ސިއްޙަތަށް ވަރަށް މުހިންމު ގިނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. ޚާއްޞަކޮށް އުމުރުގެ މުހިންމު މަރުޙަލާތަކުގައި މިކަން ފާހަގަކޮށްލެވެއެވެ.

ސްޕިނިޗްގައި އެކުލެވޭ އެންމެ މުހިންމު އެއް ނިއުޓްރިއެންޓްގެ ބާވަތްތަކުގެ ތެރޭގައި އަޔަން ނުވަތަ ދަގަނޑު ހިމެނެއެވެ. 100 ގްރާމް ސްޕިނިޗްގައި 2.7 މިލިގްރާމް ދަގަނޑު އެކުލެވިގެންވެއެވެ. މިއީ އެނީމިއާއިން ދުރުކޮށް، ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް ދަރިމައިވުމުގެ އުމުރުގައި މިކަން މުހިންމެވެ. އަދި ހަމަ އެހެންމެ ސްޕިނިޗްގައި އެކުލެވޭ ފޮލޭޓް (ވިޓަމިން ބީ9) އަކީވެސް މާބަނޑު އަންހެނުންނަށް ވަރަށް މުހިންމު އެއްޗެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމަށް އެހީތެރިވެދޭ އަދި ނާރުތަކުގެ ޑީފެކްތަކުން ދުރުކުރުވާ އެއްޗެކެވެ. 100 ގްރާމް ސްޕިނިޗްގައި 165 މައިކްރޯގްރާމް ފޮލޭޓް އެކުލެވިގެންވެއެވެ.

ކަށީގެ ދުޅަހެޔޮކަމަށްޓަކައި ސްޕިނިޗްގައި ކެލްސިއަމް (100 ގްރާމަކަށް 99 މިލިގްރާމް) އެކުލެވިގެންވެއެވެ. މިއީ ކަށީގެ ބަލިތައް ދުރުކޮށް، މަސްތަކުގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ސްޕިނިޗްގައި މެގްނީޒިއަމް (100 ގްރާމަކަށް 79 މިލިގްރާމް) އެކުލެވިގެންވެއެވެ. މިއީވެސް މަސްތަކުގެ މަސައްކަތާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރާއި، ލޭގެ ޕްރެޝަރު ބެލެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ސްޕިނިޗްގައި އެތަކެއް ވިޓަމިނެއްވެސް އެކުލެވިގެންވެއެވެ. އެގޮތުން، ވިޓަމިން ކޭ (100 ގްރާމަކަށް 482.9 މައިކްރޯގްރާމް) އެކުލެވިގެންވެއެވެ. މިއީ ލޭ ކްލޮޓްވުމަށާއި ކަށީގެ މިނަރަލައިޒޭޝަންއަށް މުހިންމު އެއްޗެކެވެ. ސްޕިނިޖްގައި ވިޓަމިން އޭ (100 ގްރާމަކަށް 9377 އައި.ޔޫ) ވެސް އެކުލެވިގެންވެއެވެ. މިއީ ދިފާޢީ ނިޒާމާއި، ލޮލުގެ ފެނުމާއި، ދަރިމައިވުމުގެ ޞިއްޙަތަށް އެހީތެރިވެދޭ އެއްޗެކެވެ. ސްޕިނިޗްގައި އެކުލެވޭ ވިޓަމިން ސީ (100 ގްރާމަކަށް 28.1 މިލިގްރާމް) އިން ދިފާޢީ ނިޒާމު ވަރުގަދަކޮށް، ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންވާ ލޫޓީން ފަދަ އެންޓިއޮކްސިޑެންޓްތަކާއި، ލޭގެ ޕްރެޝަރު ބެލެހެއްޓުމަށް ބޭނުންވާ ޕޮޓޭސިއަމް (100 ގްރާމަކަށް 558 މިލިގްރާމް) ވެސް ސްޕިނިޗްގައި އެކުލެވިގެންވެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އަންހެނުންނަށް ސްޕިނިޗްއަކީ ވަރަށް ފުރިހަމަ ކާނާއެކެވެ.