އިންޖަރީއަކާ ގުޅިގެން ބުކާޔޯ ސާކާ އިނގިރޭސި ވިލާތުގެ ގައުމީ ޓީމު ދޫކޮށް އެނބުރި އާސެނަލްއަށް ދަތުރު ކޮށްފިއެވެ.
ސާކާ އިންޖަރީވެފައިވަނީ މި ދިޔަ ހުކުރު ދުވަހު ގްރީސް އަތުން އިނގިރޭސި ވިލާތް 2-1 އިން ބަލިވި މެޗުގައެވެ. މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ސާކާ ވަނީ މެޗުގެ ދެވަނަ ހާފުގައި ދިމާވި އިންޖަރީއެއްގެ ސަބަބުން ދަނޑުން ފައިބަން ޖެހިފައެވެ.
ސާކާއަށް ދިމާވި އިންޖަރީއަށް ފަރުވާ ކުރުމަށް ޓަކައި އޭނާ އެނބުރި އާސެނަލްއަށް ދަތުރު ކުރާނެ ކަމަށް އިިނގިރޭސި ވިލާތުގެ ގައުމީ ޓީމުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ފިންލޭންޑާ ދެކޮޅަށް މާދަމާ އިނގިރޭސި ވިލާތުން ނިކުންނަ މެޗުގައި އޭނާ ބައިވެރިއެއް ނުވާނެއެވެ.
ސާކާގެ އިންޖަރީއާއެކު މިއީ, އިންޓަނޭޝަނަލް ބްރޭކުގައި އާސެނަލްގެ ތަރިއެއް އިންޖަރީއާ ކުރިމަތި ލާން ޖެހުނު ދެވަނަ ފަހަރެވެ. މި ސީޒަނުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކުގައި އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާ ވެސް ވަނީ އިންޖަރީވެފައެވެ. ވަރުގަދަކޮށް ސީޒަން ފެއްޓި އާސެނަލްގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ މި ދެ ކުޅުންތެރިންގެ އިންޖަރީއަކީ އެ ޓީމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.