ކޮންމެ އިންސާނަކުމެ އުފަންވަނީ ދުނިޔެއޭ މިކިޔާ ތަނަށެވެ. އަދި މުޅި ދިރިއުޅުން ހޭދަކުރަނީވެސް ހަމަ މި ދުނިޔޭގައެވެ. އެކަމަކު ދުނިޔޭގައި އުޅޭއިރު މި ދެންނެވުނު އިސްތިސްނާއަކަށް ވުމުގެ އިޙްސާސެއް އިންސާނާއަކަށް ނުކުރެވެއެވެ. ސަބަބަކީ ކުޑައިރުއްސުރެ އޭނާއަށް ފެންނަ ތަނަކީ ހަމައެކަނި ދުނިޔެ ކަމަށް ވުމެވެ. ކޮންމެ ދުވަހަކު ފެނިފެނި އޭނާ ހުންނަނީ ދުނިޔެއަށް އާދަވެފައެވެ. ދުނިޔޭގެ އާދަޔާ ޚިލާފު ތަފާތު އޭނާގެ ލޮލަށް ވަނީ ފޮރުވިފައެވެ. އެހެން ނޫންނަމަ ކޮންމެ ދުވަހަކު ހެނދުނު ދުނިޔެ ފެނުމާއެކު އޭނާއަށް ބުނެވުނީހެވެ. އަސްތާ، މިއީ ހާދަހާ ރީތި، ހާދަހާ ފުރިހަމަ ދުނިޔެއެކެވެ. Oh, what a beautiful earth, what a perfect world! ދުނިޔޭގައި ލައްވައިފައި މިވާ ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް މީގެ ކުރިންވެސް ހުއްޓެވެ. އެހެންނަމަވެސް މިޒަމާނުގެ ސައިންސްގެ ހޯދުންތަކުން މި އާދަޔާ ޚިލާފު ޚާޞިއްޔަތު އިންސާނުންނަށް އެތައްހާސް ގުނަ ބޮޑު ކަމެއްގެ ގޮތުގައި ދެއްކީއެވެ. ދުނިޔޭގެ ލައިފް ސަޕޯޓް ސިސްޓަމްގެ ކަންތައްތައް މިހާރު އިންސާނުންނަށް އެނގިފައިވާ ވަރަކަށް މީގެ ކުރީގެ އެއްވެސް ދުވަސްވަރަކު އެނގިފައެއް ނެތެވެ.
ލައިފް ސަޕޯޓް ސިސްޓަމަކީ ކޮބައިތޯއެވެ؟ އެއީ ހަދިޔާއެކެވެ. އެ ހަދިޔާ އިންސާނުންނަށް ލިބިފައި ވަނީ ދެއްވާފަރާތެއްގެ ޒަރީޢާއިންނެވެ. މިފަދަ ޙާލަތެއްގައި އިންސާނާއަށް ޖެހެނީ ހަދިޔާ ދެއްވި ފަރާތް ދެނެގަންނާށެވެ. އަދި ހަދިޔާ ދެއްވި ކަމަށް އިޢުތިރާފްވާށެވެ. އެފަރާތުގެ ކުރިމަތީގައި ހިތާއި ސިކުނޑިން ބޯ ތިރިކޮށްލާށެވެ. ދެއްވި ފަރާތުން އޭނާއަށް އެ އާދަޔާ ޚިލާފު ހަދިޔާ ދެއްވީ ކީއްވގެންތޯ ހޯދައި ބެލުމަކީ އޭނާ ކުރަން ޖެހޭ ކަމެކެވެ. އަދި ދެއްވި ފަރާތުގެ ހަމަތަކާ އެއްގޮތަށް އެ ހިޔާގެ ބޭނުން ކުރާށެވެ. އެ ފަރާތް ދެނެގަނެ، އެފަރާތުން އަންގަވާ ގޮތަކަށް މިދުނިޔޭގައި ދިރިއުޅުން ވޭތުކުރާށެވެ.
އެކަމަކު އެހެންނެއް ނުވިއެވެ. އިންސާނާ މިދުނިޔޭގައި ދިރިއުޅެއެވެ. އޭނާ މިދުނިޔޭގައި އޭނާއަށް ބޭނުންވާ ތަހުޒީބެއް ގާއިމު ކުރެއެވެ. އޭނާ، އޭނާއާއި އޭނާގެ ދަރިންގެ ކުރިމަގު އުޖާލާ ކުރަން މަސައްކަތް ކުރެއެވެ. އެކަމަކު އޭނާގެ ލައިފް ސަޕޯޓް ސިސްޓަމްގެ މި އާދަޔާ ޚިލާފު ނިޒާމް އުފެއްދެވީ ކޮން ފަރާތަކުންތޯ ބެލުމުގެ ޚިޔާލެއް އޭނާގެ ބޮލަކަށް ނުވަދެއެވެ. އަދި އޭގެ ބަދަލުގައި އިންސާނާގެ ފަރާތުން އެދިވޮޑިގަންނަވަނީ ކޮން ކަމަކަށްތޯ ބެލުމުގެ ޚިޔާލެއްވެސް އޭނާގެ ބޮލަކަށް ނުވަދެއެވެ.
ޙަޤީޤަތުގައި މި ދުނިޔޭގައި ކޮންމެ އެއްޗެއްވެސް ބޭނުން ކުރެވޭނޭ ދެގޮތެއް އޮވެއެވެ. އެއީ އެއްޗެއް ރަނގަޅުގޮތުގައި ބޭނުން ކުރުމާއި، އެ އެއްޗެއް ނުބައި ގޮތުގައި ބޭނުން ކުރުމެވެ. މިސާލަކަށް ހެއްދެވި ފަރާތުން ވަނީ ދުނިޔޭގެ ބިމުގައި ދަގަނޑު ލައްވައިފައެވެ. ދަގަނޑު ބޭނުން ކުރެވޭ އެއްގޮތަކީ އޭގެ ބޭނުން ކޮށްގެން ފައިދާ ހުރި މެޝިން އުފެއްދުމެވެ. ދެވަނަ ގޮތަކީ ދަގަނޑުގެ ބޭނުންކޮށްގެން ފަނާކުރުވަނިި ހަތިޔާރު އުފެއްދުމެވެ. މެޝިން އުފެއްދުމަކީ ދަގަނޑުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމެވެ. ހަތިޔާރު އުފެއްދުމަކީ ދަގަނޑުގެ ބޭނުން ނުބައި ގޮތުގައި ކުރުމެވެ.
ލައިފް ސަޕޯޓް ސިސްޓަމްގެ ކަންތައްވެސް އޮތީ މިކަހަލަ ގޮތަކަށެވެ. ލައިފް ސަޕޯޓް ސިސްޓަމަށް ބެލިދާނޭ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ އެޔަށް ރަނގަޅު ނަޒަރުން (right angle) ބެލުމެވެ. އަނެއް ގޮތަކީ ނުބައި ނަޒަރުން (wrong angle) ބެލުމެވެ. ރަނގަޅު ނަޒަރުން ބަލާމީހާ ލައިފް ސަޕޯޓް ސިސްޓަމް ގެ ޙަޤީޤީ އަދި އެ ދެއްވި ފަރާތުން ބޭނުންވެވޮޑިގެންވާ ގޮތް ދެނެގަންނާނެއެވެ. ނުބައި ނަޒަރުން ބަލާމީހާ ލައިފް ސަޕޯޓިންގ ސިސްޓަމްގެ ހުރިހައި ކަމެއްގެ ކުރިއަށް ގެންދާނީ ނުބައިކޮށެވެ.
ލައިފް ސަޕޯޓިންގ ސިސްޓަމަށް ބެލެނީ ރަނގަޅު ނަޒަރަކުންތޯ ނުވަތަ ނުބައި ނަޒަރަކުންތޯ ކަނޑައަޅާނޭ ގޮތަކީ ކޮބައިތޯއެވެ؟ އެކަން ދެނެގަނެވޭނޭ އޮންނަނީ އެންމެ ގޮތެކެވެ. އެއީ ހެއްދެވި ފަރާތުގެ (Creator) ހެއްދެވުމުގެ ޗާޓު (creation plan) އޮތްގޮތް ދެނެގަތުމެވެ. ދިރިއުޅުމާމެދު ނުވަތަ ލައިފް ސަޕޯޓިންގ ސިސްޓަމާމެދު އަޅުގަނޑުމެންނަށް ކަންތައް ކުރެވެނީ ރަނގަޅަށްތޯ ނުވަތަ ނުބައިކޮށްތޯ ކަނޑައަޅަން އެނގޭނީ މި އުފެއްދެވުމުގެ ޗާޓުގެ ޒަރީޢާއިން ހޯދައި ބެލީމައެވެ.
ނަބީބޭކަލުންނާއި ރަސޫލުބޭކަލުން މެދުވެރި ކުރައްވައި ﷲ އެންގެވި އުފެއްދެވުމުގެ ޗާޓުގައިވާ ގޮތުން އިންސާނާއަކީ އަބަދީ މަޚްލޫޤެކެވެ. އޭނާގެ ޙަޔާތުގެ ވަރަށް ކުޑަކުޑަ ޙިއްޞާއެއް ލައްވައިފައި ވަނީ މަރުވުމުގެ ކުރީގެ ދިރިއުޅުމުގަ (pre-death period) އެވެ. ޙަޔާތުގެ ބާކި އޮތް ބައި ލައްވައިފައި ވަނީ މަރުވުމަށްފަހު އަންނާން އޮތް ދިރިއުޅުމުގަ (post-death period) އެވެ. މަރުވުމުގެ ކުރީގެ ދިރިއުޅުމުގެ މަރްޙަލާއަކީ އިމްތިޙާނުގެ (test) މަރްޙަލާއެވެ. މަރުވުމަށްފަހު އަންނާން އޮތް ދިރިއުޅުމުގެ މަރްޙަލާއަކީ އިމްތިޙާނުގެ ނަތީޖާއަށް ބަލައި ބަދަލު ލިބިގަތުމުގެ މަރްޙަލާއެވެ. އިންސާނީ ތާރީޚްގެ ނިމުން އައީމާ ވަރަށް ފުޅާ ދާއިރާއެއްގައި ޖަޒާދެއްވުމުގެ ދުވަސް (day of judgment) ގާއިމު ކުރެވޭނެއެވެ. އެ ދުވަހު އިންސާނާގެ ޚާލިޤް ފާޅުވެވޮޑިގެން ދުނިޔޭގެ ދިރިއުޅުމުގައި އެމީހަކު އުޅުނުގޮތުގެ ރެކޯޑަށް ބައްލަވައި އިނާމު ނުވަތަ އަދަބު ދެއްވާނެއެވެ. އިނާމު ލިބޭ މީހަކަށް އޮންނާނީ ދާއިމީ ސުވަރުގެއެވެ. އަދަބު ލިބޭ މީހަކަށް އޮންނާނީ ދާއިމީ ނަރަކައެވެ.
ﷲ ގެ މި އުފެއްދެވުމުގެ ޗާޓަށް ބަލައިލީމާ ދިރިއުޅުން ނުވަތަ ލައިފް ސަޕޯޓިންގ ސިސްޓަމާ މެދު އިންސާނާގެ ކަންތައްތައް ހުންނާންވީ ރަނގަޅު ގޮތަކީ ކޮބައިކަމާއި ކަންތައް ކޮށްގެން ނުވާނެ ގޮތަކީ ކޮބައިކަން ދެނެގަނެވިދާނެއެވެ. ލައިފް ސަޕޯޓިންގ ސިސްޓަމަށް ރަނގަޅު ނަޒަރަކުން ބެލުމަކީ ޚާލިޤުގެ ނަޒަރުން ބެލުމެވެ. ނުބައި ނަޒަރަކުން ބެލުމަކީ އިންސާނާގެ އަމިއްލަ ނަޒަރުން ބެލުމެވެ. އަޅުގަނޑުމެންގެ ނަޒަރު ހުންނަ ގޮތް ރަނގަޅުތޯ ނުބައިތޯ ކަނޑައެޅޭނޭ ހަމައެކަނި ގޮތަކީ މިއީއެވެ.
މި ނުކުތާގެ މައްޗަށް ސަމާލުކަން ދީގެން ބަލައިލީމާ ދިރިއުޅުން ނުވަތަ ލައިފް ސަޕޯޓިންގ ސިސްޓަމާ ބެހޭ ގޮތުން ކަންތައް ކުރެވިދާނޭ ދެ ގޮތެއް ފެނެއެވެ. ޚާލިޤް ގެ ނަޒަރުން ބެލީމާ މި ނިޒާމް ފެންނަނީ ޓެސްޓް ސަޕޯޓް ސިސްޓަމެއްގެ (test-support system) ގޮތުގައެވެ. މިޔާ ޚިލާފަށް އިންސާނާގެ ސިކުނޑިން ބެލީމާ މި ނިޒާމް ފެންނަނީ އެންޖޯއިމަންޓް ސަޕޯޓް ސިސްޓަމެއްގެ (enjoyment support system) ގޮތުގައެވެ. ފުރަތަމަ ނަޒަރަށް ބުރަވީމާ ދިރިއުޅުން ވެގެން ދަނީ ޒިންމާދާރީ (responsibility) އަކަށެވެ. ދެވަނަ ނަޒަރަށް ބުރަވީމާ އިންސާނީ ދިރިއުޅުން ވެއްޓިގެން ދަނީ ޙައިވާނުންގެ ދިރިއުޅުމަށެވެ. އެއީ ކައި، ބޮއި، އުފާކޮށް ހަދާފައި މަރުވެގެން ދިއުމެވެ. އެނޫން އެހެން އެއްވެސް ކަމެއް ނެތެވެ.
މިޒަމާނުގެ ސައިންސްގެ ޒަރީޢާއިން ހޯދުނު ހޯދުންތަކަށް ބެލީމާ ލައިފް ސަޕޯޓް ސިސްޓަމްގެ ބޭނުންތެރިކަން ކުރިއަށްވުރެ މާ ބޮޑު ވެގެން ހިނގައްޖެއެވެ. މީގެ ނަތީޖާއަކަށް ވާންވާނީ ދިރިއުޅުމާމެދު އިންސާނާ ކުރިއަށްވުރެ މާބޮޑަށް ސީރިއަސް ވެގެން ދިއުމެވެ. ހަދިޔާގެ ބޭނުން ކުރަމުންދާއިރު ކުރިއަށްވުރެ މާބޮޑަށް ހަދިޔާ ދެއްވި ފަރާތުގެ ރަޙްމަތަށް އިޢުތިރާފްވުމެވެ. އެކަމަކު ނަތީޖާ މި ފެންނަނީ އެޔާ ދިމާ އިދިކޮޅަށެވެ. ލައިފް ސަޕޯޓް ސިސްޓަމަކީ ޙަޤީޤަތުގައި ޓެސްޓް ސަޕޯޓް ސިސްޓަމެއްކަން އިންސާނާގެ ހަނދާނުން ފުހެވިގެން ހިނގައްޖެއެވެ. އިންސާނާ ދެކެން ފެށީ ލައިފް ސަޕޯޓިންގ ސިސްޓަމަކީ އެންޖޯއިމަންޓް ސަޕޯޓިންގ ސިސްޓަމެއް ކަމަށެވެ. ވުމާއެކު ދިރިއުޅުމުގެ މަޤްޞަދަކީ ވީހައި ގިނައެއްކޮށް އެއްޗެތި ލިބިގަތުން ކަމަށް ވެގެން ހިނގައްޖެއެވެ. އަދި ދިރިއުޅުމަކީ ހަމައެކަނި އުފަލާއި އަރާމުކަމަށް ހެދުން ކަމަށް ވެގެން ހިނގައްޖެއެވެ.
މިހައި ތަނުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަޅުގަނޑަށް ދިމާވީ ޢިބްރަތްތެރި ހާދިސާއެކެވެ. އެއީ 1972 ވަނަ އަހަރެވެ. އަޅުގަނޑު ހުރީ ރާޖިސްތާނުގެ އަވަށެއްގައެވެ. އެ ދަތުރުގައި އަޅުގަނޑާއެކު މުފްތީ މުޙައްމަދު ޖަމާލުއްދީން ޤާސިމީ އާއި ބައެއް އެހެން ބޭފުޅުން ވަޑައިގަތެވެ. އެތާނގައި ބަޔަކު އާބާދު ނުވެ އޮތް ފަރުބަދައެއް ހުއްޓެވެ. ފަރުބަދައަށް އަރަން މަގެއް ކަނޑާފައި އޮތެވެ. އަޅުގަނޑުމެން އެމަގުން ލާފައި ގޮސް ފަރުބަދައަށް އަރައިފީމެވެ. މިދަތުރު އަޅުގަނޑުމެން ކުރީ ޖީޕެއްގައެވެ. އަޅުގަނޑުމެންނަށް ފަރުބަދައިގެ މައްޗަށް އެރުނީމާ ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ފަރުބަދައިގެ މަތީގައި އެއްވެސް ބަޔަކު ނޫޅޭ ތަނެއްގައި ބޮޑު މާލަމެއް ވަރުގެ ޢިމާރާތެއް ބިނާކޮށްފައި ހުއްޓެވެ. އެއީ ކޮންމެވެސް ރަސްކަލަކު ބިނާކުރެއްވި ތަނަކަށް ވުން އެކަށީގެންވެއެވެ. ޢިމާރާތް އޭރުވެސް ހުރީ ރަނގަޅަށެވެ. އެކަމަކު އިންސާނަކު އެތާނގައި އުޅޭކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެކަމަކު ޢިމާރާތުގެ އެތެރޭގއޔޢަި ބޭރުގައި ވަރަށް ގިނަ ޢަދަދަކަށް ރާމާމަކުނު އުޅޭތީ އަޅުގަނޑުމެންނަށް ފެނުނެވެ. އެސޮރުމެން އަޑުގަދަކުރަމުން ފުމެނަގަނީއެވެ. ރާމާމަކުނަކީ އެމީހުންނަށް ޙައްޤު ނޫން ތަނަކަށް ދެވުނަސް އެއްވެސް ބޭނުމެއް ނެތި ފުމެ އަޑުގަދަކޮށް އުޅޭ ޖަނަވާރެކެވެ. އެހެންވީމާ އެތާނގައިވެސް ފުމެނީއަކީ ވަކި ބޭނުމެއް އޮވެގެންނެއް ނޫނެވެ. އެސޮރުމެންނާ ހެދި އަޅުގަނޑުމެންނަކަށް ޢިމާރާތުގެ އެތެރެއަކަށް ނުވަދެވުނެވެ. ހަމައެކަނި ބޭރުން ބަލައިލެވުނީއެވެ.
އަޅުގަނޑު އެތާނގައި އެ މަންޒަރު ބަލަން އެތައް އިރަކު ހުރީމެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ޢިމާރާތް އެޅި މީހަކު އެޅީ ކޮން ބޭނުމެއްގައި ކަމެއް އަދި ޢިމާރާތް އެޅީ ކާކުކަމެއްވެސް އެ ރާމާމަކުނު ތަކަކަށް ނޭނގެއެވެ. އެހެންވީމާ އެތާނގައި ކޮޅުކޮޅުމައްޗަށް ދުވެ ފުމެ ހަދަނީއެވެ. އަދި އެކި ރާގުރާގަށް ގޮވަނީއެވެ. އެއިން އެއްވެސް ޙަރަކާތަކާ ނުވަތަ އަޑަކާ އެ ޢިމާރާތް އެޅި މީހާގެ މަޤްޞަދަކާ އެއްވެސް ގުޅުމެއް އޮތްކަމެއް ނުވަތަ ނެތް ކަމެއް އެސޮރުމެންނަކަށް ނޭނގެއެވެ. އެކަން ނޭނގި ތިބެގެން އެސޮރުމެން އެކުރާ ކަންތައްތަކަކީ އެ ޢިމާރާތުގެ ބޭނުން ނުބައި ގޮތުގައި ކުރުމެވެ. އެއީ ޢިމާރާތުގެ ޙަޤީޤީ ބޭނުމެއް ނޫނެވެ.
ދެން އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ޢިމާރާތުގެ ބޭނުން ނުބައި ގޮތުގައި ކުރުން އަބަދަށް ދެމިއޮންނާނެ ބާވައެވެ؟ ނުވަތަ ޢިމާރާތުގެ ވެރިމީހާ އައިސް މި “ރާމާމަކުނު” ތަކަށް އެމީހުންގެ ކުށުގެ އަދަބު ދޭނެ ބާވައެވެ؟ އަދި އެ ރީތި ޢިމާރާތުގެ ޙައްޤުވެރިންނާ ޢިމާރާތް ޙަވާލު ކުރާނެ ބާވައެވެ؟
މި މިސާލަށް ވިސްނުންފުޅު ހިންގަވައިލައްވާށެވެ! ޢިމާރާތް އެޅި މީހާ އެޅީ ވަކި ބޭނުމަކުއެވެ. ޚާއްޞަ މަޤްޞަދެއްގައެވެ. ޢިމާރާތުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމަކީ އެ މަޤްޞަދު ފުދޭނޭ ފަދަ ގޮތަކަށް ބޭނުން ކުރުމެވެ. އޭގެ ބަދަލުގައި ކަންތައް މިވީ ކިހިނެއްތޯއެވެ؟ ވަހުޝީ ރާމާމަކުނު އެ ޢިމާރާތުގެ މައްޗަށް ވެރިވެގަތީއެވެ. އަދި އެ ސޮރުމެންގެ މާނައެއް ނެތް ފުމުމުގެ މަރުކަޒަކަށް އެތަން ހެދީއެވެ.
މި މިސާލު މިއަށްވުރެ ފުޅާކަން ބޮޑު ގޮތެއްގައި މުޅި އިންސާނީ ދުނިޔެއަށް ފެތެއެވެ. ދުނިޔެއޭ އަޅުގަނޑުމެން މިކިޔާ ބޮޑު ތަރި ނުވަތަ ޕްލެނެޓަކީ ކުރިން ދެންނެވުނު ޢިމާރާތް ކަމަށް ބަލަމާ ހިންގަވާށެވެ. ދުނިޔޭގެ ހުރިހައި ފިރިހެނުންނާއި އަންހެނުން މިހާރު މިކުރާ ކަމަކީ މި ދުނިޔޭގައި އެއްވެސް މާނައެއް ނެތް ގޮތަކަށް ފުމެފުމެފައި އަޑުގަދަ ކުރުމެވެ. އެމީހުން މިބިމަށް ބަލަނީ ހަމައެކަނި އެމީހުންގެ އެދުމެއް ފުއްދާނޭ ގޮތެއް ހޯދުމުގެ ނަޒަރުންނެވެ. މި ބިން ހެއްދެވީ ކީއްކުރަންތޯ، ކޮން މަޤްޞަދެއްގައިތޯ އެމީހުން ވިސްނައެއް ނުލައެވެ.
މިހެންވީ ކީއްވެގެންތޯއެވެ؟ މިޒަމާނުގެ ސައިންސްވެރިން ލައިފް ސަޕޯޓިންގ ސިސްޓަމް ފުޅާ ދާއިރާއެއްގައި ހޯދި ދުވަސްވަރު ވަރަށް ބޮޑު އެހެން ކަމެއްވެސް ހިނގިއެވެ. އެއީ އެކި ސަބަބުތަކާ ހުރެ ދުނިޔޭގައި އާ ސަގާފަތެއް އުފެދުމެވެ. އެ ސަގާފަތަށް ކިޔާ ނަމަކީ އުފާކުރުމުގެ ސަގާފަތެވެ. ނުވަތަ އެންޖޯއިމަންޓް ކަލްޗަރެވެ. މި އެންޖޯއިމަންޓް ކަލްޗަރުގެ ސަބަބުން އިންސާނުން ހީކުރަން ފެށީ ދުނިޔޭގައި ލައްވާފައިވާ ހުރިހައި އެއްޗަކީ އެމީހުން އުފާ ކުރަން ލައްވާފައިވާ އެއްޗެހި ކަމުގައެވެ. ވުމާއެކު ބުއްދީގެ އެއްވެސް ދަލީލެއް ނެތި، ހަމައެކަނި މާޙަވްލުގެ އަސަރާއެކު ލައިފް ސަޕޯޓިންގ ސިސްޓަމް، ޢަމަލީގޮތުން އެންޖޯއިމަންޓް ސަޕޯޓިންގ ސިސްޓަމްކަށް ވެގެން ދިޔައީއެވެ. އެންމެ ފަހުން ގޮސް އިންސާނީ މުޖުތަމަޢު ޙައިވާނީ މުޖުތަމަޢަކަށް ވީއެވެ.
އިންސާނާ އާއި ޙައިވާނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯއެވެ؟ ޙައިވާނަށް އެނގެނީ ހަމައެކަނި އޭގެ ޒާތީ މަޞްލަޙަތެވެ. އިންސާނާއަށް އޭނާގެ ޒާތީ މަޞްލަޙަތާއެކު ތިމާގެ ޒިންމާ އަކީ ކޮބައިކަންވެސް އެނގެއެވެ. ވުމާއެކު ޒިންމާގެ ގޮޅިއަށް ފެތެން މަސައްކަތްވެސް ކުރެއެވެ. ޙައިވާނާއި އިންސާނާގެ ތަފާތަކީ މިއީއެވެ. އެކަމަކު މިއަދުގެ ދުނިޔެއަށް ބަލާއިރު މި ދެންނެވުނު ތަފާތު ނެތިގެން ހިނގައްޖެއޭ ހީވާތަން އެބައާދެއެވެ. މިއަދުގެ އިންސާނުންގެ ކަލްޗަރުވެސް މިއޮތީ ޙައިވާނުންގެ ކަލްޗަރާ ދާދި އެއްކަހަލަ ގޮތަކަށެވެ. ބޭރުފުށަށް ފެންނަ ޖިސްމާނީ ތަފާތެއް ފިޔަވައި އެހެން ތަފާތެއް އެބަހުއްޓެކޭ ދެންނެވޭކަށް ނެތެވެ.
އެކަމަކު މިއީ އެހައި އާދައިގެ ކަމެއް ނޫނެވެ. މިއީ ފިޠުރަތުގެ މަގުން އެއްކިބާވުމާ އެއްފަދަ ކަމެކެވެ. ފިޠުރަތުގެ މަގުން އެއްކިބާވުމަކީ އަބަދުވެސް ލިބޭ ގެއްލުން ދެގުނައަށް އިތުރުވެގެންދާ ކަމެކެވެ. މަރުވުމުގެ ކުރީގެ މަރުޙަލާގައިވެސް އަދި މަރުވުމުގެ ފަހުގެ މަރުޙަލާގައިވެސް ލިބޭނީ ގެއްލުމެވެ. އިންސާނާއަށް މިދުނިޔޭގައި ލިބިފައިވާ މިނިވަންކަމުގެ ބޭނުން ނުބައިކޮށް ބޭނުން ކޮށްގެން ފިޠުރަތުގެ އުސޫލުތަކާ ދެކޮޅުހެދިދާނެއެވެ. އެކަމަކު އެދެކޮޅުހެދުމުގެ ސަބަބުން ނުކުންނަ ނަތީޖާއިން ސަލާމަތްވުމުގެ ބާރެއް އޭނާއަކަށް ލިބިގެންނެއް ނުވެއެވެ. މިއަދުގެ އިންސާނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މިއީއެވެ.
މަރުވުމުގެ ކުރީގެ މަރުޙަލާގައި ގެއްލުން ލިބޭ ގޮތަކީ ކޮބައިތޯއެވެ؟ މިއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޒާތީ ތަޖުރިބާއިން އެނގޭނޭ ކަމެކެވެ. ކޮންމެ އިންސާނެއްގެ ކުރިމަތީގައިވެސް އެމީހަކު ވާސލިވާން ބޭނުންވާ އުފާވެރި މަންޒިލެއް އޮވެއެވެ. އޭނާ، އޭނާގެ ހުރިހައި ވަގުތަކާއި ހުރިހައި ހަކަތައެއް ހޭދަކުރަނީ އެ މަންޒިލަށް ވާސިލުވާން ކުރާ މަސައްކަތަށެވެ. އެކަމަކު އަޅުގަނޑުމެންނަށް މި ފެންނަނީ ކޮންމެ މީހަކަށްވެސް މާޔޫސީއާ ކުރިމަތިލާން ޖެހޭ ތަނެވެ. މުއްސަންޖަކަށް ވިޔަސް ފަގީރަކަށް ވިޔަސް އުމުރުގެ ދުވަސްތައް ހަމަކުރުމަށް ފަހު މަރުވެގެން ދަނީ މާޔޫސީއާއެކުގައެވެ. މީގައި އަންހެނެއް، ފިރިހެނެއްގެ ތަފާތެއް ނެތެވެ.
އެހެންވަނީ ކީއްވެގެންތޯއެވެ؟ އެހެންވަނީ އިންސާނާ އެ މަންޒިލަކަށް ވާސިލުވާން ބޭނުންވާ ސަބަބުތައް އެއްގޮތަކަށްވެސް މި ދުނިޔޭގައި ލައްވައިފައި ނެތީމައެވެ. ވުމާއެކު އެތައް މަސައްކަތެއް ކުރުމާއެކުވެސް ކޮންމެ އިނަސާނެއްގެވެސް ނިމުން މިއަންނަނީ ހަމަ އެއްގޮތަކަށެވެ. އެއީ މަންޒިލަށް ވާސިލު ނުވެވި ދުނިޔެ ދޫކުރުމެވެ. މަޤްޞަދު ހާސިލު ނުކުރެވި މަރުގެ ދާނުގައި އޮށޯންނަން ޖެހުމެވެ.
އިންސާނާގެ ހަށިގަނޑުގައި މައިގަނޑު ފަސް ޤާބިލިއްޔަތެއް (five faculties) ލައްވައިފައި ވެއެވެ. އެފަސް ޤާބިލއްޔަތަށް އަޅުގަނޑުމެން ކިޔާ ނަމަކީ ފަސް ހިއްސެވެ. އެ ފަސް ހިއްސަކީ ފެނުމުގެ ހިއްސާއި، އިޙްސާސްވުމުގެ ހިއްސާއި، ރަހަލުމުގެ ހިއްސާއި، ވަސްދުވުމުގެ ހިއްސާއި، އަޑުއިވުމުގެ ހިއްސެވެ. sight, touch, taste, smell and hearing.
މި ފަސް ހިއްސަކީ ޙަޤީޤަތުގައި އަރާމުލިބިގަތުމުގެ ފަސް މަގާމެވެ. އެއިން ކޮންމެ ހިއްސެއްގައި ﷲ ވަނީ އެތައް މީރުކަމެއް ނުވަތަ އަރާމެއް ލައްވައިފައެވެ. އިންސާނާއަށްޓަކައި ފެނުމަކީ އަރާމެކެވެ. އިޙްސާސްވުމަކީ އަރާމެކެވެ. ރަހަލުމަކީ އަރާމެކެވެ. ވަސްދުވުމަކީ އަރާމެކެވެ. އަޑުއިވުމަކީ އަރާމެކެވެ. އިންސާނާ ފިޔަވައި މި ދުނިޔޭގައި ލައްވައިފައިވާ އެއްވެސް މަޚްލޫޤަކަށް މި ހިއްސުތަކުން އަރާމު ލިބިގަތުމުގެ ޤާބިލިއްޔަތެއް ދެއްވައިފައެއް ނުވެއެވެ. މި ހިއްސުތަކުން އިންތިހާ ދަރަޖައިގެ ބޮޑުެތި އުފަލާއި އަރާމު (pleasure) ލިބިގތުމަކީ ހަމައެކަނި އިންސާނާއަށް ލިބިފައިވާ ޚާއްޞަ ސިފައެކެވެ.
މީގެ އިތުރަށް އިންސާނާއަށް ހަވަނަ ހިއްސެއްވެސް (sixth sense) ވަނީ ދެއްވައިފައެވެ. ހަވަނަ ހިއްސަކީ ވިސްނުމުގެ (thinking capacity) ޤާބިލިއްޔަތެވެ. އިންސާނާއަށް އެންމެ ބޮޑެތި އުފަލާއި އަރާމު ލިބުމުގެ ވަސީލަތަކަށް ވަނީ ހަވަނަ ހިއްސެވެ. ވިސްނުމަކީ އިންސާނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ޤާބިލިއްޔަތެއްކަމީ ޙަޤީޤަތެކެވެ. ވިސްނުމަކީ އިންސާނާއަށް ލިބިފައިވާ އުފަލާއި އަރާމުގެ ޚަޒާނާއެކެވެ. ވިސްނުމުގެ ހިއްސަކީ ނުވަތަ ވިސްނުމަކީ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީ އިންސާނާއަށް އެހެން އެއްވެސް އެއްޗަކުން ނުވަތަ ވަސީލަތަކުން ނުލިބޭފަދަ މަތިވެރި އަރާމަކާއި އުފަލެއް ހާސިލު ކުރެވޭ ހިއްސެކެވެ.
ހިއްސުތަކުގެ ބޭނުންކޮށްގެން އިންސާނާ އުފަލާއި އަރާމު ލިބިގަނެއެވެ. އެކަމަކު މިދުނިޔޭގައި އެ އަރާމަކީ އޭނާގެ ހިތްހަމަޖެހުމުގެ ވަސީލަތަކަށް ނުވެއެވެ. ކޮންމެ އިންސާނަކުވެސް އުފްނަވަނީ ހައްދެއް ނެތް މިންވަރުގެ އުފަލަކާއެކުގައެވެ. އަރާމުގެ ތެރެއަށެވެ. އެކަމަކު އެންމެ ފަހުން ކޮންމެ އަންހެންކުވެސް އަދި ކޮންމެ ފިރިހެނަކުވެސް މަރުވެގެން ދަނީ ފުރިހަމަނުވާ އެތައް އުފަލަކާ (unfulfilled desires) އެކުގައެވެ. ނުވަތަ ހިތާމަތަކަކާއި ހިތްހަމަނުޖެހުންތަކަކާ އެކުގައެވެ.
މީގެ މާނައަކީ މި ދުނިޔޭގައި އިންސާނާގެ ކިބައިގައި އެދުންތަކެއް ހުރި ކަމުގައި ވިޔަސް އެ އެދުންތައް ފުއްދާނޭ ގޮތެއް މިދުނިޔޭގައި ލައްވައިފައި ނެތުމެވެ. މި ޙަޤީޤަތުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެނގެނީ ﷲ ގެ އުފެއްދެވުމުގެ ޗާޓުގައިވާ ގޮތުން އިންސާނާގެ އެދުންތައް ފުރިހަމަ ކުރުމުގެ ވަސީލަތްތައް މަރުވުމުގެ ކުރީގެ ދުނިޔޭގައި ލައްވައިފައި ނުވާކަމެވެ. އެ ވަސީލަތްތައް ލައްވައިފައި ވަނީ މަރުވުމަށްފަހު އަންނާން އޮތް ދުނިޔޭގައެވެ. އެ އެދުންތައް އިންސާނާގެ ކިބައިގައި ލައްވައިފައި ވަނީ އޭނާއަށް ދިރިއުޅުމުގެ ޙަޤީޤަތް ދަސްކޮށްދެއްވުމަށާއި އެ ޙަޤީޤަތާ އެއްގޮތަށް އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދާން ދަސްކޮށްދެއްވުމުގެ ގޮތުންނެވެ.
އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ޙަޤީޤަތެއް އެބައޮތެވެ. އެއީ އިންސާނާގެ ކިބައިގައި އެހެން ހުރިހައި މަޚްލޫޤުންނާ ޚިލާފަށް މާދަމާގެ (tomorrow) ތަޞައްވުރު ހުންނަ ކަމެވެ. ޙައިވާނަކީވެސް ފުރާނަޔާއެކު ހައްދަވައިފައިވާ މަޚްލޫޤެކެވެ. އެހެން ނަމަވެސް އެއްވެސް ޙައިވާނެއްގެ ކިބައިގައި މާދަމާގެ ތަޞައްވުރެއް ނުހުރެއެވެ. ޙައިވާނުންގެ މަޙްދޫދު ސިކުނޑިއަށް އެނގެނީ ހަމައެކަނި މިއަދެވެ. ކުރިމަގުގެ ޚިޔާލެއް އެޔަކަށް ނުކުރެވެއެވެ. އެކަމަކު އިންސާނާގެ ކިބައިގައި މިއަދުގެ ތަޞައްވުރު އެކުލެވިފައިވާ ވަރަށް ކުރިމަގުގެ ތަޞައްވުރުވެސް އެކުލެވިފައި ވެއެވެ. އެހެންނަމަވެސް ޢަމަލީ ތަޖްރިބާއިން އިންސާނާއަށް އެނގެނީ އޭނާގެ ކުރިމަގުގެ ތަޞައްވުރުގައިވާ ހުވަފެން ތެދަކަށް ހެދުމަކީ މިދުނިޔޭގައި ކުރެވޭނެ ކަމެއް ނޫންކަމެވެ.
މި ޙަޤީޤަތުގައި އިޝާރާތެއް (clue) ފޮރުވިފައި ވެއެވެ.