ނޭޝަންސް ލީގުގެ ގްރޫޕު "އެފް" ގައި ރޭގައި ކުޅުނު މެޗުގައި ފިންލޭންޑް އަތުން 3-1 އިން އިނގިރޭސި ވިލާތުން މޮޅުވެއްޖެއެވެ.
ފިންލޭންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިނގިރޭސި ވިލާތުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 18 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖެކް ގްރީލިޝްއެވެ.
އިނގިރޭސިންގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދިނީ, ފަހަކަށް އައިސް ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޓްރެންޓް އެލެކްސެންޑާ އާނޯލްޑެވެ. އޭނާ އިނގިރޭސިންގެ ލީޑު ދެ ގޯލަށް އިތުރުކުރީ މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އޭގެ ދިހަ މިނެޓު ފަހުން ޑެކްލަން ރައިސް ވަނީ ލަނޑެއް ކާމިޔާބު ކޮށް ތިން ގޯލަށް ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގައި އާދައިގެ ކުޅުމެއް ދައްކަމުންއައި ފިންލޭންޑަށް ސުންކަނޑާލެވުނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ ޑިފެންޑަރު އާރްޓޫ ހޮސްކޮނެން ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ ފަހު ވަގުތު ސުންކަނޑާލެވުނު ނަމަވެސް ފިންލޭންޑަށް ޖެހުނީ ވަރުގަދަ ކުޅުމެއް ދެއްކި އިނގިރޭސިން އަތުން ބަލި ގަބޫލު ކުރާށެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިނގިރޭސި ވިލާތް އޮތީ ކުޅުނު 4 މެޗުން ލިބުނު 9 ޕޮއިންޓާއެކު ގްރޫޕު "އެފް" ގެ ދެވަނައިގައެވެ. އެއްވަނައިގައި 12 ޕޮއިންޓާއެކު ގްރީސް އޮތް އިރު ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކު އަޔަލެންޑްއެވެ. މެޗުން ނާކާމިޔާބުވި ފިންލޭންޑް އޮތީ އަދި މިހާތަނަށް ކުޅުނު އެއް ވެސް މެޗަކުން ޕޮއިންޓެއް ނުލިބި, ގްރޫޕުގެ ފުލުގައެވެ.