ފުޓުބޯޅަ ދުނިޔޭގެ އެންމެ އަލިގަދަ އެއް ތަރި ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަމިއްލަ ލަގްޒަރީ ގަޑި ކަލެކްޝަނެއް އިފްތިތާހު ކޮށްފިއެވެ.

ފުޓުބޯޅައާ ގުޅޭ ތީމަކަށް އުފައްދާފައިވާ މި ލަގްޒަރީ ގަޑި ކަލެކްޝަނަކީ އެމެރިކާގައި ގަހަނާ އާއި އަތުކުރި ގަޑި އުފެއްދުމުގެ ދާއިރާގައި މަޝްހޫރު ބްރޭންޑެއް ކަމުގައިވާ "ޖޭކޮބް އެންޑް ކޯ" އާ ގުޅިގެން ނެރުނު ގަޑި ކަލެކްޝަނެކެވެ.

ރޮނާލްޑޯ, އޭނާގެ އާ ގަޑި ކަލެކްޝަން އިފްތިތާހު ކުރި ކަން އިއުލާނުކުރަމުން ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓުގައި ވަނީ އަމިއްލަ ގަޑި ކަލެކްޝަނެއް އުފެއްދުމަކީ އަބަދު ވެސް އޭނާ ދެކުނު ހުވަފެނެއް ކަމަށް ބުނެފައެވެ.

"އަމިއްލަ ގަޑި ކަލެކްޝަނެއް އުފެއްދުމަކީ އަހަރެން އަބަދު ވެސް ދެކުނު ހުވަފެނެއް. މި ގަޑި ކަލެކްޝަނުގައި ހިމެނޭ 'ފްލައިޓް އޮފް ސީއާރްސެވަން' އަދި 'ހާޓް އޮފް ސީއާރއސެވަން' އަކީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑެތި އުސްމިންތައް ފާހަގަކޮށްދޭ ދެ ގަޑި" އޭނާގެ ގަޑި ކަލެކްޝަނުގެ ގަޑިތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ގަޑި ކަލެކްޝަނުގެ 'ފްލައިޓް އޮފް ސީއާރްސެވަން' ގަޑިއަކީ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅެމުންއައި ދުވަސްވަރު އޭނާގެ ކުރީގެ ޓީމު ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޖެހި ލަނޑަކުން ހިޔާލު ނަގައިގެން ހަދާފައިވާ ގަޑިއެކެވެ. 'ހާޓް އޮފް ސީއާރްސެވަން' ގަޑިއަކީ އެ ގޯލަށްފަހު ރޮނާލްޑޯ ހެދި ސެލަބްރޭޝަނުން ހިޔާލު ނަގައިގެން އުފައްދާފައިވާ ގަޑިއެކެވެ.