12 ގަޑިއިރު ވަންދެން ކާންނުދީ އެއާޕޯޓެއްގައި ނައިޖީރިއާގެ ގައުމީ ފުޓުބޯޅަ ޓީމު ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނައިޖީރިއާގެ ޓީމު, 16 އޮކްޓޯބަރު ވާ ބުދަ ދުވަހު ލިބިޔާއާ ދެކޮޅަށް ނިކުންނަ މެޗަށް ދިއުމަށް ޓަކައި ލިބިޔާގެ އެއާޕޯޓެއްގައި މަޑުކުރަން ޖެހުނުއިރު އެ ޓީމަށް އިހުމާލުވިކަން ހާމަކުރީ އެ ޓީމުގެ ސްޓްރައިކަރު ވިކްޓޯ ބޮނިފޭސްއެވެ.

ބޮނިފޭސް ހާމަކުރި ގޮތުގައި އެ އެއާޕޯޓުގައި 12 ގަޑިއިރު ވަންދެން ކާބޯތަކެތި ނުލިބުނުއިރު, އެ ޓީމު ދާން ޖެހޭ މަންޒިލަށް ގެންދަންއައީ ކުޑަކުޑަ މިނީ ބަހެއް ކަމަށެވެ. ނައިޖީރިއަން ޓީމާ މެދު އިހުމާލުވުމުން ބޮނިފޭސް ވަނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) ކުށްވެރިކޮށްފައެވެ.

ނައިޖީރިއަން ޓީމާ މެދު ކަންކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުގެ ގޮތުން އެ ޓީމުން ވަނީ ކުރިއަށް އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން މެޗު ކުޅެން ބޭނުންނުވާ ކަމަށް ބުނެފައެވެ.