ކަރަންޓު ހާލަތު ރަނގަޅުކުރުމަށްޓަކައި ރ.އަލިފުށީގައި އައު ޖެންސެޓެއް ފެނަކައިން އިންސްޓޯލްކޮށްފިއެވެ.

ފެނަކައިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލިފުށްޓަށް ގެންދެވުނު 400 ކިލޯވޯޓްގެ ޖެންސެޓް އިންސްޓޯލް ކުރެވި އެ ޖެނެރޭޓަރުން ޚިދުމަތް ދޭންފެށިފައިވާކަމަށެވެ. މިއީ ފެނަކައިން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތްތަކާއި އިންޖީނުގެތަކާއި އޮފީސްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ހިދުމަތްތައް ޒަމަނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާ ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އަކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.