އީމާންކަމުގެ އަހުލުވެރީންގެ މައިގަނޑު އެއް ސިފަ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައި ވެއެވެ. والذين آمنو أشدّ حبّا للّـه “އަދި އީމާންވީ މީހުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ.”

މި އާޔަތުގައި އީމާންވީ މީހުން ކަމުގައި ބަޔާން ކުރައްވައިފައި އެ ވަނީ މަޢުރިފަތުގެ އަހުލުވެރީންނެވެ. މަޢުރިފަތުގެ އަހުލުވެރީންނަކީ “ހޯދައި ދެނެގަތުމުގެ” ފެންވަރަށް ﷲ މަޢުރިފާކޮށް ދެނެގަންނަ މީހުންނެވެ. މި ފަދަ މީހެއްގެ ހުރިހައި ޖަޒުބާތެއް ގުޅިފައި ހުންނާނީ ސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާ އާއެވެ. އޭނާގެ ހިތާއި ސުކުނޑީގެ މައިގަނޑު މަރުކަޒަކަށް ވާނީ ﷲ ތަޢާލާއެވެ.

އިންސާނާއަކީ ވަކި ޙައްދެއްގެ ތެރޭގައި ބާރުތަކެއް ދެއްވައިފައިވާ މަޚްލޫޤެކެވެ. ވުމާއެކު އާދައިގެ އިންސާނާއަކަށް ﷲ ތަޢާލާ ސީދާ ފެނުމުގެ ނަސީބެއް މި ދުނިޔޭގައި މިންވަރު ކުރައްވައިފައެއް ނުވެއެވެ. އެކަމަކު އޭނާ ގެންދަނީ ﷲ ގެ ރަޙްމަތް ކެނޑިނޭޅި ތަޖުރިބާ ކުރަމުންނެވެ. ﷲ ދެކެ އިންތިހާ ދަރަޖައަށް ލޯބިވުމުގެ އަސްލަކީ މި ތަޖުރިބާއެވެ. އިންސާނާއަށް މު ދުނިޔޭގައި ލިބިފައިވާ ކޮންމެ އެއްޗެއްމެ ލިބިފައި ވަނީ ﷲ ގެ ރަޙްމަތުންނެވެ. ލިބިފައިވާ ނިޢުމަތްތަކާ މެދު ފުންކޮށް ވިސްނައި ފިކުރު ހިންގި ވަރަކަށް ﷲ ގެ މައްޗަށް އޭނާގެ ހިތުގައި އަށަގެންފައިވާ ލޯބި ދާނީ އިތުރު ވަމުންނެވެ. ﷲ ދެކެ ލޯބިވުމުގެ އަސްލަކީ ނިޢުމަތްތަކުގެ ޙަޤީޤަތް އެނގުމެވެ. އެއީ ނިޢުމަތް ލިބިގަންނަ މީހާގެ އަމިއްލަ ހޯދުމެއް ނޫނެވެ. ނިޢުމަތާއި ރަޙްމަތާ ނުލައި މަޢުރިފަތެއް ނުލިބޭނެއެވެ.

އިންސާނާ ހެއްދެވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ. އިންސާނާއަށް ތަފާތު ވައްތަރުގެ މަތިވެރި ޣާބިލިއްޔަތު ދެއްވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ. ދުނިޔެ ކަހަލަ މުޅީން ތަފާތު ދުނިޔެއެއް އިންސާނާއަށް ދެއްވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ. އިންސާނާ ދިރިއުޅުމަށްޓަކައި ބޭނުން ވާނޭ ހުރިހައި ވަސީލަތެއް (ލައިފް ސަޕޯޓިންގ ސިސްޓަމް) ލެއްވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ. އިންސާނާގެ ހުރިހައި ބޭނުމެއް ފުރިހަމަ ވާނޭ ނިޒާމެއް ލެއްވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ. ދުނިޔޭގައި ދިރިއުޅުމާއެކުވެސް މުޅި ކާއިނާތުގެ މުޠާލިޢާ ކުރެވޭނޭ ފަދަ ސިކުނޑިއެއް ދެއްވީ ކޮން ފަރާތަކުންތޯއެވެ؟ ﷲ ތަޢާލާއެވެ.

މި ހުރިހައި ނިޢުމަތެއް ދެއްވި ފަރާތް، އެ ފަރާތުގެ ޙަޤީޤީ ސިފައިގައި ދެނެގަތުމަކީ މަޢުރިފަތެވެ. އެއްވެސް އިންސާނަކަށް މި މަޢުރިފަތު ޙަޤީޤީ މާނައިގައި ހާސިލު ކުރެވިއްޖެ ނަމަ، ﷲ ގެ ލޯބިން އޭނާގެ ހިތް ފުރިގެން ބަންޑުން ވާނެއެވެ. ﷲ ގެ ލޯބިން އޭނާގެ ހިތް އަލިވެ އުޖާލާ ވާނެއެވެ.

ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަކީ އީމާންކަމުގެ މުހިއްމު ބައެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ﷲ ދެކެ ލޯބިވުމަކީ ހަމައެކަނި ކިޔަމަންތެރިކަން އަދާ ކުރުން ކަމުގައި ބުނުމަކީ ލޯބީގެ މާނަ ހަނި ކޮށްލުމެވެ. ކިޔަމަންތެރި ކަމަކީ ﷲ ދެކެ ވާ ލޯބި ދެއްކުމެވެ. އެއީ ޤާނޫނީ ސިފައެކެވެ. ލޯބީގެ ޙަޤީޤީ މާނައަކީ އިންސާނާގެ މުޅި ވުޖޫދު ﷲ ހަނދުމަކުޅައުމުގެ ތެރެއަށް ގަންބައިލުމެވެ. ހަށިގަނޑާއި، ފުރާނައިން ﷲ ތަޢާލާގެ މަތިވެރި ކަމަށް އިޢުތިރާފުވާ މީހަކަށް ވުމެވެ.