ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ރައީސް އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ނޮވެމްބަރު 1 އިން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ބޮޑުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މި އިސްލާހުގެ ދަށުން، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރެވޭނެއެވެ. އަދި މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރެވޭނެއެވެ.

މީގެ އިތުރުން، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެދިވަޑައިގަތީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށެވެ.

ރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށްވެސް ރައީސްވަނީ އިއްޔެ މުހިންމު ނިންމެވުނެތަކެއް ނިންމާފައިއެވެ. އެގޮތުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައިއެވެ.

މީގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ އިން ފެށިގެން މަނާކުރަންވެސް ރައީސް ވަނީ ނިންމަވާފައިއެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގައި ދުންފަތުގެ ބޭނުންކުރުން މަދުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.