ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލި ކަމަށް ބުނެ ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފި ކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ހުށައަޅަމުން އަންނަކަން ހާމަކޮށްފައެވެ. އަދި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢުލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅި ނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.
މަކަރާއި ހީލަތުން ފައިސާއާއި ޒާތީ މައުލޫމާތު ހޯދާ، އެކިކަހަލަ ސްކޭމްތަކާއި ސައިބާކްރައިމްގެ ކޭސްތައް ރާއްޖޭގައި ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.