ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެއްވައިފިއެވެ.

މިޔަގީންކަން ކަސްޓަމްސް އިން ދެއްވާފައިމިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި އަދި ވިއްކުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެންނެވެ.

ކަސްޓަމްސްގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ އެންމެހައި އިންތިޒާމުތަކާއި ތައްޔާރީތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމަވާފައެވެ.

ރައީސް ވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން، ވޭޕްކުރުމުގެ އާލާތްތަކާއި އޭގެ ވަކިވަކި ބާވަތްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން ހުއްޓުވުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްގެ އާލާތްތައް ބޭނުންކުރުމާއި، ގެންގުޅުމާއު، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި އަދި ހިލޭ ބެހުން މަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

އަދި ހަމައެހެންމެ، ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ދުރުހެލިކުރުމުގެ މަޤްޞަދުގައި، ސިނގިރޭޓާއި ބީޑީގެ އިމްޕޯޓް ޑިއުޓީ އިތުރުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރުން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ.