ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ މި ދަތުރަކީ ކާމިޔާބު ދަތުރުރެއްކަމަށެވެ. އަދި މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަސް ފަސޭހަވެގެން ދާކަމަށާ، އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާކަމަށެވެ.
މި ޒިޔާރަތުގައި މޯލްޑިވިސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ، ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކުރެވުނެވެ.
އެގޮތުން، ގއ. ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެދިފައެވެ.
ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވާ ޛޫޝާން ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސދްދާނެކަމުގެ ބިރު އޮތް، ދިވެހި ބެސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބެފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުވެރިފައިވާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުންކަމަށެވެ.
ދޫޝާން އިތުރަށް ވިދާޅުވީ ޕޮލިޓެކްނިކް އިން އެމްއެންއެސްޑީއޭ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން، ޕޮލިޓެކްނިކުން އަންނަނީ 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ. ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތަށް ފެށުމަށް ތައްޔާރުވަމުންނެވެ.
މޯލްޑިވިސް ޕޮލިޓެކްނިކް އަންނަނީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުންނެވެ.