ނޭޝަންސް ލީގުގެ ގްރޫޕު "ބީ" ގައި ރޭގައި ކުޅުނު މެޗުގައި ސަހްޔޫނީ އިޒްރޭލު އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އިޓަލީ މޮޅުވެއްޖެއެވެ.
ބްލޫ އެނާޖީ ސްޓޭޑިއަމްގައި ރޭގައި ކުޅުނު މެޗު އެއްކޮށް ކޮންޓްރޯލު ކޮށްގެން ކުޅުނީ އިޓަލީއެވެ. މެޗުގައު އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އިޓަލީއެވެ. މި ލަނޑަކީ, މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މަޓޭއޯ ރެޓެގުއީ ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 54 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު ޖިއޮވާނީ ޑި ލޮރެންޒޯ ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދީފައެވެ.
އިޒްރޭލަށް މެޗުގައި ސުންކަނޑާލެވުނީ 66 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މުހައްމަދު އަބޫ ފަނި ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑަކީ އިޒްރޭލަށް މި ނޭޝަންސް ލީގުގައި ކާމިޔާބު ކުރެވުނު ހަތަރުވަނަ ލަނޑެވެ.
އިޒްރޭލުން ލަނޑު ޖެހުމާއެކު އިޓަލީއިން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް, އިޒްރޭލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެ ގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޑޭވިޑް ފަރެޓެސީ ވަނީ އިޓަލީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އޭގެ 7 މިނެޓު ފަހުން ޑި ލޮރެންޒޯ ވަނީ މި މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ އިޓަލީއަށް ފަސޭހަ މޮޅެއް ކަށަވަރު ކޮށްދީފައެވެ.
މި ލިބުނު މޮޅާއެކު އިޓަލީ އޮތީ ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕު "ބީ" ގެ އެއްވަނައިގައެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު ފްރާންސް އޮތް އިރު ތިންވަނައިގައި އޮތް ބެލްޖިއަމްއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ކުޅުނު 4 މެޗުން އެއް ވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އިޒްރޭލެވެ.