ނޭޝަންސް ލީގުގެ ގްރޫޕު "ބީ" ގައި ރޭގައި ކުޅުނު މެޗުގައި ބެލްޖިއަމް އަތުން 2-1 އިން ފްރާންސް މޮޅުވެއްޖެއެވެ.

ބެލްޖިއަމްގެ ކިންގް ބަޑުއިން ސްޓޭޑިއަމްގައި ފުޓުބޯޅަ ދުނިޔޭގެ ދެ ގަދަ ބާރުން ބައްދަލުކުރި މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ.

ރޭގެ މެޗުގެ 23 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ވަނީ ޕެނަލްޓީއެއް ލިބި, މެޗުގެ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބެލްޖިއަމްގެ ޔޫރީ ޓިލެމެންސް ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިން މައްޗަށެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ފްރާންސްއިންނެވެ. މި ލަނޑަކީ މެޗުގެ 35 ވަނަ މިނެޓުގައި ރަންޑަލް ކޯލޯ މުއާނީ ކާމިޔާބު ކުރި ލަނޑެކެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

ފްރާންސްއަށް މެޗުގެ ލީޑު ހިފެހެއްޓުނީ ކުޑަ އިރުކޮޅަކަށެވެ. ބެލްޖިއަމްއިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ލޮއިސް އޮޕެންޑާ ކާމިޔާބު ކުރި ލަނޑެކެވެ.

ދެވަނަ ފަހަރަށް ފްރާންސްއިން މެޗުގެ ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ކޯލޯ މުއާނީއެވެ.

މެޗުގައި ލީޑު ކުރަމުންދިޔަ ފްރާންސްއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އޯރޭލިއަން ޗުއަމެނީއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމެވެ. ދިހަ ކުޅުންތެރިންނާއެކު ފްރާންސްއިން މެޗުގެ ފަހު 15 މިނެޓު ކުޅުން ކަމުގައިވިއަސް ބެލްޖިއަމްއަށް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފައެވެ.

10 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުނު ފްރާންސްއަށް ލިބުނު ބޮޑު މޮޅާއެކު އެ ޓީމު އޮތީ ގްރޫޕު "ބީ" ގެ ދެވަނައިގައި 9 ޕޮއިންޓާކުގައެވެ. މެޗުން ނާކާމިޔާބުވި ބެލްޖިއަމް އޮތީ 4 ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. އެއްވަނައިގައި 10 ޕޮއިންޓާއެކު އިޓަލީ އޮތް އިރު ހަތަރުވަނައިގައި އޮތީ 0 ޕޮއިންޓާއެކު އިޒްރޭލެވެ.