އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ކޮލިފައިއާސްގައި މާދަމާ ލިބިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ބޮއިކޮޓު ކުރުމަށް ނައިޖީރިއާގެ ގައުމީ ފުޓުބޯޅަ ޓީމުން ނިންމައިފިއެވެ.

ނައިޖީރިއާގެ ގައުމީ ޓީމުގެ ކެޕްޓަން, ވިލިއަމް ޓްރޫސްޓް އެކޮންގް އަދި ނައިޖީރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން (އެންއެފްއެފް) ވަނީ, ލިބިޔާގެ އެއަރޕޯޓެއްގައި ނައިޖީރިއާގެ ގައުމީ ޓީމު 16 ގަޑިއިރު ވަންދެން ބެހެއްޓި މައްސަލައިގެ ރައްދެއް ގޮތުގައި ބުދަ ދުވަހު ލިބިޔާއާ ދެކޮޅަށް ކުޅެން ޖެހޭ ކޮލިފައިން މެޗު ބޮއިކޮޓު ކުރަން ނިންމާފައިވާކަން ޔަގީން ކޮށްދީފައެވެ.

ނައިޖީރިއާގެ ފުޓުބޯޅަ ޓީމު, ލިބިޔާގެ އެއަރޕޯޓުގައި އެތައް ގަޑިއިރެއްވަންދެން މަޑުކުރަން ޖެހި, ކާބޯތަކެތި ފޯރުކޮށްނުދިން މައްސަލައިގައި އެންއެފްއެފްއިން ވަނީ ލިބިޔާއާ ދެކޮޅަށް ކުޅެން ޖެހޭ ކޮލިފައިން މެޗު ނުކުޅެ, ޓީމު އެނބުރި ނައިޖީރިއާއަށް ދާން ނިންމާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރިފައެވެ.

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަން ފަށާ, މައްސަލައަށް ހައްލެއް ގެނެވޭތޯ މަސައްކަތް ފަށާފައެވެ. މި މައްސަލައިގައި ލިބިޔާގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އެއް ވެސް އިހުމާލެއް ނޯންނާނެ ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ.