ދަނޑުވެރިކަމާ ގުޅޭ ކޯސްތައް ހިންގުމަށް ޚާއްޞަ ފެކަލްޓީއެއް ޤާއިމްކުރުމަށް ތައްޔާރުވަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.

މި އިޢުލާން ކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޕެނަލް މަޝްވަރާގައި ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައެވެ.

ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ސީދާ ގުޅިފައިވާ ކަމެއްކަމުގައި ވީނަމަވެސް، ރާއްޖެއިން ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ދިވެހިރާއްޖެ ބަރޯސާވެފައިވާކަން ޗާންސެލަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޑރ. ޝައުޤީ ވިދާޅުވިގޮތުގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ތަޖުރިބާކުރެވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. މި މުއްދަތުގައި، ކާބޯތަކެތީގެ ދަތިކަން އިތުރަށް ގޯސްވެދާނެކަމުގެ ސަބަބުން ރައްޔިތުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔަކަމަށް ޗާންސެލރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޗާންސެލަރ ޑރ. ޝައުޤީ ފާހަގަކުރެއްވި ގޮތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ދަނޑުވެރިންގެ ރަޖިސްޓަރީގައި ޒުވާނުންގެ ތަމްސީލު ވަރަށް ދަށްކަން ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށާއި ދަނޑުވެރިކަމުގެ ދާއިރާގައި ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، މި ދާއިރާއަށް ޚާއްޞަ ފެކަލްޓީއެއް ޤާއިމްކުރުމުގެ ޕްލޭންތަކެއް ޗާންސެލަރ އިޢުލާންކުރެއްވިއެވެ.

އަދި ތަޢުލީމާއި ޓެކްނޮލޮޖީގެ ޒަރީޢާއިން ކާބޯތަކެތީގެ ރައްކާތެރިކަން ޙާޞިލުކޮށް ކާބޯތަކެތި އިމްޕޯޓްކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިވަރސިޓީން މަސައްކަތްކުރާނެކަމަށްވެސް ޗާންސެލަރ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޕެނަލް ޑިޝްކަޝަންގައި ޑރ. މަޙްމޫދު ޝައުޤީ ވަނީ ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެފަރާތްތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ދަނޑުވެރިޔާ "ގެ ނަމުގައި އެޕްލިކޭޝަނެއްވެސް އިފްތިތާހުކޮށްދެއްވާފައިއެވެ.