ނަފްސާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާ ބޭނުން ކުރަނީ އޭނާ އަށް ޤުދުރަތީ ގޮތުން ލިބިފައިވާ ޤާބިލިއްޔަތުގެ ދިހަ އިންސައްތަ އެވެ. ހަރވަރޑް ޔުނިވަރސިޓީ ގެ ޕްރޮފެސަރެއް ކަމަށްވާ ވިލިއަމް ޖޭމްސް ވިދާޅު ވެފައި ވަނީ ތެދުފުޅެކެވެ. “އަޅުގަނޑުމެން ވާން ޖެހޭ މީހުންނަށް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވެއެވެ.” (މާނައަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤާބިލިއްޔަތެއްގެ ބޭނުން ކޮށްގެން ކުރެވެން އޮންނަ ކަމެއް ކުރާކަށް އެއް ގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ.)
އަޅުގަނޑުމެންނަށް ޤުދުރަތުން ލިބިފައިވާ ހުނަރުތައް ބޭނުން ނުކުރުމުގެ ސަބަބުން ލިބެން ޖެހޭ ކާމިޔާބީ އޮންނަނީ ނުލިބިފަ އެވެ. ނިކަމެތި ދިރިއުޅުމެއް އުޅެން މެދުވެރިވާ ސަބަބަކީ އެއީ އެވެ. މި ފަދަ ގޮތަކަށް ޢަމަލު ކޮށްފައި އަޅުގަނޑުމެން މި ކުރާ ކަމަކީ ލިބެންވާ އެއްޗެއް ނުލިބިގެން އެހެން މީހެއްގެ ބޮލުގައި އެ ކަމުގެ ޒިންމާ އެޅުވުމެވެ. ޙަޤީޤަތުގައި ކަންތައް ކުރަން ޖެހޭ ގޮތަކީ ދިމާވާ މައްސަލަތަކުގެ ސަބަބު ޚުދު ތިމާގެ އަމިއްލަ ކޮނޑުގައި އެޅިފައިވޭތޯ ބެލުމެވެ. މައްސަލަތަކުގެ ޙައްލު ފެންނާނީ އޭރުންނެވެ. އެހެން މީހުން ކުށްވެރި ކުރުމާއި ހަސަދަވެރި ވުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. އެހެން ހަދައިފި ނަމަ ތިމާ، ޚުދު ތިމާގެ އަމިއްލަ ނަފްސުގެ ދުޝްމަނަކަށް ވުން ނޫން އެހެން ކަމެއް ނުވާނެ އެވެ. ޙަޤީޤަތާ ކުރިމަތިލުމަކީ އެންމެ ރަނގަޅު ސިޔާސަތެވެ. ލިބިފައިވާ ޤާބިލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް އަބަދުވެސް ޤަބޫލު ކުރަން ވާނެ އެވެ. މި ނޫން އެހެން މަގެއް ޚިޔާރު ކޮށްފި ނަމަ ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީ އާއެވެ.
އެހެން ނަމަވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކަނޑަ އަޅައި ނިންމަން ވީ ކަމަކީ އަޅުގަނޑުމެންގެ މަސައްކަތް މިސްރާބު ޖަހައިފައި ވަނީ ރަނގަޅު ދިމާ އަށްތޯ ބެލުމުގެ މައްޗަށެވެ. ރަނގަޅު މިސްރާބަކަށް ކުރާ ދަތުރަކުން ނޫނީ ޤާބިލިއްޔަތުގެ ފުރިހަމަ ފައިދާއެއް ނުކުރާނެ އެވެ.
ޤަދީމީ ޒަމާނުގައި އަދި މެދުތެރޭގެ ޒަމާނުގައި ވެސް ރަނަކީ ވަރަށް އަގު ބޮޑު އެއްޗެއް ކަމަށް އޮތީ ބެލެވިފަ އެވެ. އެ ދުވަސްވަރުގެ ސައިންސްވެރިން މަސައްކަތް ކުރަމުން ދިޔައީ އާދައިގެ މަޢުދަން ރަނަށް ނުވަތަ ރިއްސަށް ހަދާށެވެ. ކުއްލިއަކަށް މުއްސަނދި ވުމުގެ ހުވަފެން ދެކޭން ފެށުމާއެކު އާދައިގެ އިންސާނުން އާދަޔާ ޚިލާފު މަސައްކަތްތައް ކުރާ ބަޔަކަށް ވެގެން ދިޔަ އެވެ. އެހެން ނަމަވެސް މި ހުރިހައި މަސައްކަތެއް ވެގެން ދިޔައީ ބޭކާރު މަސައްކަތް ތަކަކަށެވެ. މަސައްކަތުގެ މޭވާ ލިބުމުގެ ކުރިން މަރު އައިސް އެ މީހުންނާ ބައްދަލު ކުރަނީ އެވެ. އެ މީހުން ރަނަށް ހަދަން މަސައްކަތް ކުރާ މަޢުދަނަކީ އެއަށްވުރެ އަގުހުރި ބޭނުމެއް ކުރެވިދާނޭ އެއްޗެއް ކަމެއް އެ ދުވަސްވަރުގެ މީހުންނަކަށް އެނގިފައެއް ނެތެވެ. މިސާލަކަށް ދަގަނޑަކީ ރަނަށް ބަދަލު ކުރެވޭ އެއްޗަކަށް ވުމުގެ އިތުރަށް ދަނގަޑުން އެކި ބާވަތުގެ މެޝިން ހެދިދާނެ ކަމާއި ގިނަ ދުވަހަށް ދެމި ހުންނަ ކަހަލަ ޢިމާރާތްތައް ހެދިދާނޭ ކަމެއް އޭރަކު ހިތަކަށް ނުގެނެވެ އެވެ. މިއަދު ހުޅަނގުގެ ޤައުމުތަކަށް ވަނީ މި ޙަޤީޤަތް އެނގިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ޤައުމުތައް ވަނީ ޓެކްނޮލޮޖީ އާއި ޢިމާރާތް ކުރުމުގެ ރޮނގުން ވަރަށް އާދަޔާ ޚިލާފު ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. ދަގަނޑު، ރަނަށް ބަދަލު ކުރީމާ ލިބޭ ފައިދާ އަށް ވުރެ މާ ބޮޑެތި ފައިދާ ހޯދައިފަ އެވެ.