ސައުތު އެމެރިކަން ވޯލްޑް ކަޕް ކޮލިފައިއާސްގައި މިއަދު ފަތިހު ކުޅުނު މެޗުގައި ބޮލީވިއާ އަތުން 6-0 އިން އާޖެންޓީނާ މޮޅުވެއްޖެއެވެ.
އާޖެންޓީނާގެ އެސްޓާޑިއޯ މާސް މިނިއުމެންޓަލްގައި ކުޅުނު މެޗުގައި ވޯލްޑް ޗެމްޕިއަނުން އާޖެންޓީނާގެ ފަރާތުން ފެނިގެންގޮސްފައިވަނީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. އާޖެންޓީނާއިން އެންމެ ފުރަތަމަ ބޮލީވިއާގެ ގޯލު ފޫއަޅުވާލައި މެޗުގެ ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑެކެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑު ޖަހާ އާޖެންޓީނާގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޖޫލިއަން އަލްވަރޭޒް ކާމިޔާބު ކުރި ލަނޑާއެކު އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި, ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއް ގޮތުގައި ކުޅުމުގެ ތެރެއަށް އައި ތިއާގޯ އަލްމާޑާ ވަނީ ލަނޑު ޖަހާ އާޖެންޓީނާގެ ލީޑު ހަތަރު ގޯލަށް ފުޅާ ކޮށްފައެވެ.
އާޖެންޓީނާގެ ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މެސީއެވެ. އޭގެ ދެ މިނެޓު ފަހުން މެސީ ވަނީ މެޗުގައި އޭނާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް, އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއަދުގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެސީ ވަނީ އޭނާ ކާމިޔާބު ކުރި ހެޓްރިކްގެ އިތުރުން ދެ އެސިސްޓު ވެސް ފޯރުކޮށްދީފައެވެ.
މި މެޗުން ލިބުނު ބޮޑު މޮޅާއެކު އާޖެންޓީނާ ވަނީ ސައުތު އެމެރިކާ ރީޖަންގެ ވޯލްޑް ކަޕް ކޮލިފައިންގެ ތާވަލުގެ އެއްވަނަ ދިފާއު ކޮށްފައެވެ. އާޖެންޓީނާ, ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއެެކުގައެވެ. ދެވަނައިގައި އޮތް ކޮލަމްބިއާއަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މިއަދުގެ މެޗުން ނާކާމިޔާބުވި ބޮލީވިއާ އޮތީ 12 ޕޮއިންޓާއެކު ހަތްވަނައިގައެވެ.