ސައުތު އެމެރިކަން ރީޖަންގެ ވޯލްޑް ކަޕް ކޮލިފައިއާސްގައި މިއަދު ފަތިހު ކުޅުނު މެޗުގައި ޕެރޫ އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބްރެޒިލް ކުރި ހޯދައިފިއެވެ.

މިއަދުގެ މެޗުގައި ބްރެޒިލްގެ ޓީމުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ ހުނަރުތައް އޭގެ އެންމެ ފުރިހަމައަށް ދައްކާލައިފައެވެ. ބްރެޒިލްގެ ނަތީޖާތައް ފަހަކަށްއައިސް ދައްވެފައިވަނީ އެ ޓީމުގައި ތަރިން ގިނަވެ ކަމަށް އެކި ފަރާތްތަކުން ބުނަމުން އަންނައިރު, މިއަދުގެ މެޗުގައި ބްރެޒިލްގެ ކުޅުންތެރިން ވަނީ އެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.

ބްރެޒިލްގައި މިއަދު ކުޅެވިގެންދިޔަ މެޗުގައި ބްރެޒިލްއިން ލީޑު ނެގީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެން, ބާސެލޯނާއަށް ކުޅެމުން އަންނަ ރަފީނިއާ ކާމިޔާބު ކުރި ލަނޑެކެވެ. ބްރެޒިލްގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދިނީ ވެސް ރަފީނިއާއެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން, މެޗުގެ 54 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

ބްރެޒިލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އިނގިރޭސި ކްލަބެއް ކަމުގައިވާ ފުލަމްއަށް ކުޅެމުން އަންނަ އަންޑްރޭސް ޕެރޭރާ ކާމިޔާބު ކުރި ލަނޑެކެވެ.

ޕެރޭރާ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ލުއިޒް އެންރީކް ވަނީ ލަނޑެއް ކާމިޔާބު ކޮށް, ބްރެޒިލްގެ ލީޑު ހަތަރަކަށް އިތުރު ކޮށްފައެވެ. އެންރީކްގެ މި ލަނޑާއެކު ބްރެޒިލްއިން ވަނީ ފަސޭހަކަމާއެކު ޕެރޫ ބަލިކޮށް, ތިން ޕޮއިންޓު ކަށަވަރު ކޮށްގެން މެޗު ނިންމާލާފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރެޒިލް ވަނީ ތިންވަނައިގައި އޮތް އުރުގުއާއީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 16 ޕޮއިންޓު ކަމުގައިވިއަސް ގޯލު ޑިފެރެންސްގެ ތަފާތުން ކުރީގައި އޮތީ އުރުގުއާއީއެވެ. މެޗުން ބަލިވި ޕެރޫ އޮތީ ކުޅުނު 10 މެޗުން ލިބުނު 6 ޕޮއިންޓާއެކު ނުވަވަނައިގައެވެ.