ގދ. ގައްދޫގައި ހުންނަ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަކެއް ފެށުމުގެ މަސައްކަތް ޕޮލިޓެކްނިކުން ފަށައިފިއެވެ.
ޕޮލިޓެކްނިކުން ވަނީ ދާދި ފަހުން ގދ. ގައްދޫއަށް ޒިޔާރަތް ކޮށް, އެ ރަށުގެ އެތައް ޖަމިއްޔާތަކަކާ ބައްދަލުކުރައްވާފައެވެ. އެ ގޮތުން މި ޒިޔާރަތުގައި ޕޮލިޓެކްނިކުން ވަނީ ގައްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން އެ ރަށުގެ ބައެއް އާއްމުންނާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ޕޮލިޓެކްނިކުން ވަނީ އެ ރަށުގެ ކެމްޕަހުގައި ކުރިއަށް ގެންދަން މަގްބޫލު ކޯސްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް, އެ ރަށުގެ ފަރާތްތަކުގެ ހިޔާލު ހޯދާފައެވެ.
ޕޮލިޓެކްނިކުން ބުނާ ގޮތުގައި ލިޔެލާ ޖެހުމާއި ކަސަބުން ބޯވަޅުއެޅުން ފަދަ ސަގާފީ ފަންނުވެރިކަން ދިރުވުމަށް ގައްދޫގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންނާ ގުޅިގެން އެ ފަންނު އެހެން ފަރާތްތަކަށް ދަސްކޮށްދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.