ފުޓުބޯޅަ ކުޅުންތެރިންނަށް ދިމާވާ އިންޖަރީތަކުގެ ސަބަބުން އެ ފުޓުބޯޅަ ކްލަބުތަކަށް ފާއިތުވެދިޔަ ސީޒަނުގައި 800 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އިންޝުއަރެންސް ފަރމެއް ކަމުގައިވާ ހައުޑެންސް އިން ނެރުނު "މެންސް ޔޫރަޕިއަން ފުޓްބޯލް އިންޖަރީ" އިންޑެކްސް ޗާޓުން ހާމަކޮށްފިއެވެ.

މި އިންޑެކްސް ޗާޓުން ހާމަކުރާ ގޮތުގައި މި ދިޔަ ސީޒަނުގައި ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއާ ލީގު, ލަލީގާ, ބުންޑަސްލީގާ, ލީގްއަން އަދި ސެރިއާގައި ތަފާތު 4,123 އިންޖަރީ ރެކޯޑު ކުރެވިފައިވެއެވެ.

މި ދިޔަ 2023-2024 ވަނަ ސީޒަނުގައި ކުޅުންތެރިންނަށް ދިމާވި 4,123 އިންޖަރީއަކީ 2022-2023 ވަނަ ސީޒަނާ އަޅާ ބަލާއިރު 4 އިންސައްތަ, 2020-2021 ވަނަ ސީޒަނާ އަޅާބަލާއިރު 37 އިންސައްތަ ގިނަ އަދަދެކެވެ. ފަހަކަށްއައިސް ކުޅުންތެރިން ކުޅެން ޖެހިފައިވާ މެޗުތަކުގެ އަދަދު ގިނަވެފައިވާތީ ކުޅުންތެރިންގެ ސިއްހަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް މި ތަފާސްހިސާބުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ކުޅުންތެރިން އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކަމުގައިވިއަސް ކްލަބުތަކުން އެ ކުޅުންތެރިޔާގެ މުސާރަ ދައްކަން ޖެހެއެވެ. މާލީ ގޮތުން އިދަ ޖެހެން ކައިރިވެފައިވާ ކްލަބުތަކަށް އިންޖަރީ ގިނަވުމުން ކުރާ އަސަރު ބޮޑު ވަނީ މިހެންވެއެވެ. ހޮއުޑެންސްއިން ނެރުނު އިންޑެކްސް ޗާޓު ހާމަކުރާ ގޮތުގައި މި ދިޔަ ސީޒަނުގައި އިންޖަރީގެ ސަބަބުން ނުކުޅެ ތިބި ކުޅުންތެރިންނަށް ޖުމްލަ 800 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ކްލަބުތަކުން ވަނީ ދައްކަން ޖެހިފައެވެ.

ސީޒަނެއްގައި ކުޅުންތެރިން ކުޅެން ޖެހޭ މެޗުތަކުގެ އަދަދު ދުވަހުން ދުވަހަކަށް އިތުރު ކުރަމުން އަންނަ އިރު, އެ ކަމުގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތިވަމުން އަންނަ ސިއްހީ މައްސަލަތައް ގޯސްވެފައިވާ މިންވަރު ހޮއުޑެންސްގެ ޗާޓުން ދައްކައިދެއެވެ. ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ބެލުމެއް ނެތި ފައިސާގެ ދަހިވެތިކަމުގައި ސީޒަނެއްގައި ކުޅެން ޖެހޭ މެޗުތައް މަދުކުރުމަށް ގިނަ ފަރާތްތަކެއް ފީފާއަށް ގޮވާލައިފައިވާއިރު ވެސް މި ކަމާ ގުޅިގެން ފީފާއިން އެއް ވެސް އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.