ގއ. ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 52 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓައްގައެވެ. އެމްޓީސީސީއިން އިތުރަށް ބުނެފައިވާ ގޮތުގައި، އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ އެންކަރ ބްލޮކް އެތުރުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓްގެ ކޮންކްރީޓް މަސައްކަތްތަކެވެ.

މިއީ އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވައްވެސެވެ. މި މަޝްރޫޢުގެ ތެރެރޭގައި ހިމެނެނީ 59,536.80 ކިއުބިކް މީޓަރުގެ ބަނދަރު ސަރަޙައްދެއް ކޮނެ ފުންކުރުމާއި، 275 މީޓަރުގެ ބޭރުތޮށި އެޅުމާއި، 613 މީޓަރުގެ ރިވެޓްމަންޓެއް ހެދުމާއި، 105 މީޓަރުގެ ގްރޯއިނެއް އެޅުމާއި، އަދި 685 މީޓަރުގެ ކީވޯލެއް ހެދުމެވެ.

އެމްޓީސީސީން ބުނާ ގޮތުގައި މި މަޝްރޫޢުގެ އަގަކީ 114.33 މިލިއަން ރުފިޔާއެވެ.