މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށް ކަމަށެވެ.

އަދި މި ހަތަރު މީހުން ޖަލަށްލާން ހުކުމްކުރުމުގެ އިތުރުން ޖޫރިމަނާކޮށްފައިވާ ކަމަށައި އެގޮތުން، ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

މި މައްސަަލައާ ގުޅިގެން އެމީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ފުލުހުން ވަނީ ބަލައިފާސްކޮށްފައިވެއެވެ.

އެގޮތުން ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން، 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް ފެނިފައިވެއެވެ. އޭގެ އިތުރުން 1,542,675 ރުފިޔާ ފެނިފައިވެއެވެ. އަދި މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 މާރިޗު 10 ވަނަ ދުވަހުއެވެ.