އީރާނަށް ޖާސޫސް ކުރަމުން ދިޔަ އިޒްރޭލުގެ ތިން މީހަކު ހިމެނޭ ގްރޫޕެއް ބޭޒާރުވިތާ ދެ ދުވަސްފަހުން، އެމީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ ގްރޫޕުގެ އިސްމީހަކަށް ހުރި ވްލަޑިމިއާ ވެރްޚޮވްސްކީ (35 އަހަރު) ގެ މައްޗަށް ދައުވާ ކޮށްފައިވަނީ ބޭރު ގައުމެއްގެ ބަޔަކަށް ޖާސޫސްކޮށްދިނުމާއި ޓެރަރިސްޓް އަމަލެއް ހިންގުމަށް ރާވާފައިވާ ކަމުގެ ތުހުމަތުގައެވެ. ވެރޚޮވްސްކީ ވަނީ ޒަޔަނިސްޓު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ދެކޮޅަށް މީހުން ލައްވައި، ފާރުތަކުގައި ޝިއާރުތައް ލިޔުއްވާފައެވެ. އޭގެ އިތުރުން އިޒްރޭލުގެ ސައިންޓިސްޓަކު މަރާލަންވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ވެރޚޮވްސްކީ ރެކްރޫޓުކޮށްފައި ވަނީ، އީރާނުން ކަމަށާއި އަދި އޭނާއާއެކު އެހެން މީހުން ބައިވެރިވާ ކަމަށްވެސް ދައުވާގައި ބުނެފައި ވެއެވެ. އަދި އީރާނުން ހޯދަން ބޭނުންވި އެޑްރެސްތައް ބަރާބަރަށް އޭނާ ހޯދައިދީފައިވާ ކަމަށާއި، އޭނާއަކީ ފުރިހަމައަށް އޭނާއާ ހަވާލު ކުރެވުނު މައުލޫމާތު ހޯދުމުގައި އެހީތެރިވެދިން މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަށްޓަކައި ފޮރުވާފައި ހުރި ފިސްތޯލަތަކާއި ވަޒަންތަކެއް ޓެލްއަވީވްގެ ޕެޓާ ޓިކްވާ ސަހަރާ ތެރޭން ހޯދައިގަތް ކަމަށްވެސް ބުނެފައި ވެއެވެ.

ވެރޚޮވްސްކީ ސަހަރާއިން ފިސްތޯލަ ހޯދައިގެން ގެއަށް ގެނައިއިރު އޭނާ ހައްޔަރު ކުރުމަށް އޭނާގެ އިންތިޒާރުގައި ތިބީ ޖާސޫސީ އިދާރާގެ އޮފިސަރުންނެވެ. އެކަން ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ 28 ވަނަ ދުވަހުއެވެ.

އޭނާއާ އެކު ކޮށްފައިވާ ތަހުގީގުގައި އޭނާ ވަނީ، ހުރިހައި ތުހުމަތުތަކަށް އިއުތިރާފް ވެފައެވެ.

ޕްރޮސެކިއުޓަރުން ދައުވާގައި ބުނެފައި ވަނީ ވެރްޚޮވްސްކީ ރެކްރޫޓް ކުރީ މިދިޔަ އޮގަސްޓް މަހު މީސްމީޑިއާ އެޕް ޓެލެގްރާމް މެދުވެރިކޮށް ކަމަށެވެ.

އޭނާ ރެކްރޫޓު ކުރި މީހާ އަމިއްލައަށް ތައާރަފްވެފައި ވަނީ އޭނާއަކީ ކެނެޑާގައި ދިރިއުޅޭ އިޒްރޭލު ރައްޔިތެއްގެ ގޮތުގައެވެ. އަދި ފައިސާ ބޭނުންތޯ އެހުމަށްފަހު، ތެލްއަވީވްގެ ފާރުތަކުގައި "ނަތަންޔާހޫ ހިޓްލަރ" މި އިބާރާތް ލިޔުމުން ފައިސާ ލިބޭނެ ކަމަށް ބުނެ އޭނާ ޝައުގުވެރިކުރިއެވެ.

އިޒްރޭލުގެ ސައިންޓިސްޓު މަރާލުމަށް އޭނާއަށް އެއްލައްކަ ޑޮލަރު ދޭން ހުށަހެޅި ކަމަށްވެސް ދައުވާގައި ބުނެފައި ވެއެވެ. އަދި އެއިން ބައެއް ކްރިޕްޓޯ ކަރަންސީން އޭނާއަށް ލިބުނެވެ.

ނަތަންޔާހޫއާ ދެކޮޅަށް ފާރުތަކުގައި ލިޔެފައިވާ ކޮންމެ ޝިއާރަކަށް 20 ޑޮލަރު ލިބުނެވެ.

މިއީ ޙަމާސްއިން މިނިވަންކަމުގެ ހަނގުރާމަ، އަޤްޞާ ޠޫފާން ފެށިފަހުން، އިޒްރޭލުގައި ތިލަވި ޖާސޫސުންގެ 3 ވަނަ މައްސަލައެވެ.

އިޒްރޭލުގެ ޖާސޫސީ ކަންކަމުގެ މާހިރެއް ކަމަށްވާ އިލާން އަބިތާން ވަނީ އީރާނުން އިޒްރޭލުގެ ސަލާމަތީ ކަންކަން ފޫއަޅުވާލުމުން އީރާނުގެ ހިތްވަރާއި ހުޝިޔާރުކަމަށް ތައުރީފް ކޮށްފައެވެ. އޭނާ ބުނެފައި ވަނީ އީރާނުގައި އިޒްރޭލުގައި ހިންގަނީ ކުޅޭކުޅޭ ޖާސޫސީ ހަރަކާތްތަކެއް ކަމަށެވެ.

އޭނާ ވަނީ އީރާނުގައި އިޒްރޭލުން ހިންގާ ޖާސޫސީ މައުލޫމާތު ހިމަނައިގެން ޚިޔާލީ ވާހަކަ ފޮތެއް މިދިޔަ މަހު ޝާއިއުކޮށްފައެވެ. އިޒްރޭލުން އަބަދުވެސް މަސައްކަތް ކޮށްފައި ވަނީ އިޒްރޭލަކީ މާގަދަ ބާރެއްކަމަށް ދައްކާށެވެ.