ސިނގިރޭޓް ދޫކޮށްލުމަށް އެހީވާނެ ވަސީލަތެއްގެ ގޮތުގައި ފުރަތަމަ މާކެޓްކުރެރެވުނު އީ-ސިނގިރޭޓް، މިހާރު ވަނީ ޚާއްޞަކޮށް ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރިފައިވާ ޞިއްޙީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނާ ގޮތުގައި 2023 ވަނަ އަހަރު އެމެރިކާގެ ހައި ސްކޫލް ދަރިވަރުންގެ 10 އިންސައްތަ ވޭޕްކުރެއެވެ.

ސީޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު މިޑިލް ސްކޫލްގެ އަދި ހައި ސްކޫލްގެ 1 މިލިއަން ދަރިވަރުން އީ-ސިނގިރޭޓް ބޭނުންކުރިއެވެ. މީގެ ތެރެއިން 25 އިންސައްތަ ދަރިވަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ކަމަށާއި، ގާތްގަނޑަކަށް 90 އިންސައްތަ ބޭނުންކުރަނީ ރަހަ އެކުލެވޭ ބާވަތްތައް ކަމަށް ބުނެފައިވެއެވެ. އެންމެ މަޤްބޫލް ބާވަތަކީ އެއްފަހަރު ބޭނުންކޮށްލާ، ޑިސްޕޯޒަބަލް ވޭޕްތަކެވެ. މި ކަންބޮޑުވާ ވަރުގެ އަދަދުތަކުން ދައްކުވައިދެނީ ޒުވާނުންގެ މެދުގައި ވޭޕިންގެ މަޤްބޫލުކަން ދަށްކުރުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް، އަދިވެސް މިކަން ދެމިގެންދާކަމެވެ.

ކުޑަކުދިންގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. ސްޓެފަނީ ހެންސަން ބުނާ ގޮތުގައި ވޭޕް ބޭނުންކުރާ މީހުން ނިކޮޓިން އަދި ފޯމަލްޑިހައިޑް ފަދަ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތަކަށް އެކްސްޕޯޒްވެއެވެ. އޭނާ އިންޒާރުދެނީ ވޭޕްކުރުމުން ފުއްޕާމޭގެ ބަލިތައް އުފެދުމާއި ދިގު މުއްދަތަކަށް ދެމިގެންދާ ޞިއްޙީ މައްސަލަތަކެއް ކަމުގައިވާ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ޚާއްޞަކޮށް އަދިވެސް ސިކުނޑި އުފެދެމުންދާ ފުރާވަރުގެ ކުދިންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.

ޑރ. ހެންސަން ފާހަގަކުރައްވާ ގޮތުގައި މައިންބަފައިން ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ކުދިންގެ މޫޑު ބަދަލުވުމާއި ކިޔެވުމުގެ ފެންވަރަށް އަންނަ ބަދަލުތައް ހިމެނެއެވެ. އޭނާ ބާރުއަޅުއްވަނީ ވަރަށް ޅަ އުމުރުގެ ދަރިވަރުން ވެސް ވޭޕްކުރާތީ، އެކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވީހާވެސް އަވަހަކަށް ދަރިންނާއެކު މަޝްވަރާކުރުމަށެވެ.

ޑރ. ހެންސަން އިތުރަށް ބާރުއަޅުއްވަނީ ނިކޮޓިންގެ ވަރުގަދަ ދެވިހިފުމުގެ ސިފަތަކާއި އެކަމުގެ ސަބަބުން ސަމާލުކަމާއި ވިސްނުމުގެ ޤާބިލުކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އަދި މައިންބަފައިން ދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އިސްނަގައިގެން މަސައްކަތްކުރުމަށް ގޮވާލައްވައެވެ.