ކުރީގެ ނަން މަޝްހޫރު ލަވަކިޔާ ބޭންޑު, ވަން ޑައިރެކްޝަންގެ މެމްބަރެއް ކަމުގައިވާ ލިއަމް ޕޭން ނިޔާވެއްޖެއެވެ.

ޕޭން ނިޔާވީ, އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އެއަރޭސްގެ ހޮޓަލެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. ޕޭން ނިޔާވިއިރު އޭނާގެ އުމުރުން އަދި އެންމެ 31 އަހަރެވެ.

ބުއެނޮސް އެއަރޭސްގެ ޕޮލިހުން ވަނީ މި ދިޔަ ބުދަ ދުވަހު ޕޭން ނިޔާވިކަން ޔަގީން ކޮށްދީ, ބަޔާނެއް ނެރިފައެވެ.

"ގިޓާރިސްޓް, މިއުޒިކް ކޮމްޕޯސާ އަދި ވަން ޑައިރެކްޝަންގެ މެމްބަރެއް ކަމުގައިވާ ލިއަމް ޖޭމްސް ޕޭން ވަނީ ހޮޓަލެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވެފައި" ޕޭން ނިޔާވިކަން ޔަގީން ކޮށްދީ, ބުއެނޮސް އެއަރެސްގެ ޕޮލިހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބުއެނޮސް އެއަރޭސްގެ ސްޓޭޓް އެމަޖެންސީ މެޑިކަލް ސިސްޓަމުގެ ހެޑު ކަމުގައިވާ އަލްބާޓޯ ކްރެސެންޓީ ބުނި ގޮތުގައި ޕޭން ވެއްޓިފައިވަނީ އޭނާ ހުރި ހޮޓެލުގެ އެތެރޭގައި އޮތް ކުޑަ ހުސްބިމަކަށެވެ. ޕޭން ވެއްޓުނުތާ ކުޑަ އިރުކޮޅެއް ފަހުން އެމަޖެންސީ ޓީމުން އެ ތަނަށް ހާޒިރުވި ނަމަވެސް އޭނާއަށް ލިބިފައިވާ އިންޖަރީތަކުގެ ސީރިއަސް ކަމުން, އޭނާ ސަލާމަތް ކުރުމަށް އެމަޖެންސީ ޓީމުން ނުކުޅެދުނީ ކަމަށް ކްރެސެންޓީ ބުންޏެވެ.

2010 ވަނަ އަހަރު އުފެދުނު ވަން ޑައިރެކްޝަންގެ މެމްބަރެއް ކަމުގައިވާ ލިއަމް ޕޭންއަކީ މިއުޒިކުގެ ދާއިރާގައި ނަން މަޝްހޫރު މީހެކެވެ. 2016 ވަނަ އަހަރު އެ ބޭންޑު އުވިގެންދިޔަ ފަހުން އަމިއްލައަށް ލަވަ އުފައްދަމުން އައި ޕޭންއަކީ އެ ދާއިރާއިން އެތައް ބަޔެއްގެ ގަދަރު ލިބިފައިވާ ފަރާތެކެވެ.

ޕޭންގެ ކުއްލި ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވެ, އެތައް ބަޔަކު އަންނަނީ އޭނާގެ އާއިލާއަށާއި ތިމާގެ މީހުންނަށް ހަމްދަރުދީގެ މެސެޖުތައް ރައްދުކުރަމުންނެވެ.

.