ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްއަކީ މި ވަގުތު ފުޓުބޯޅައިގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށް ކޯމޯގެ ކޯޗު ކަމުގައިވާ ސެސް ފެބްރިގާސް ބުނެފިއެވެ.

2010 ވަނަ އަހަރު ސްޕެއިންއާއެކު ވޯލްޑް ކަޕު ކާމިޔާބު ކުރި ފެބްރިގާސް ވަނީ އިންޓަވިއުއެއްގައި ވާހަކަދައްކަމުން އެންމެ 17 އަހަރުގެ ޔަމާލް ފުޓުބޯޅަ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދައްކަމުން އަންނަ ހުނަރަށް ތައުރީފު ކޮށްފައެވެ.

"އަހަރެން ދެކޭ ގޮތުގަ މި ވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު ކުޅުންތެރިޔާއަކީ ބާސެލޯނާގެ ޔަމާލް. ޔަމާލްއަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް. ޓީމަށް މެޗެއް ކާމިޔާބު ކޮށްދިނުމުގެ އިންޑިވިޖުއަލް ހުނަރު އޭނާގެ ހުރެ. މިއީ, ނުރައްކާތެރި ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމުގެ ހެއްކެއް" ޔަމާލްގެ ހުނަރުވެރި ކުޅުމަށް ތައުރީފު ކުރަމުން ފެބްރިގާސް ބުންޏެވެ.

2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާއަށް ކުޅެދިން ފެބްރިގާސް ވަނީ, ލިއޮނަލް މެސީއާ ޔަމާލް އަޅާ ކިޔާ ސަބަބު ރަނގަޅަށް ދޭހަވާ ކަމަށް ބުނެފައެވެ.

ފެބްރިގާސް ބުނި ގޮތުގައި މެސީގެ ކެރިއަރު ނަކަލު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ޔަމާލް, އޭނާގެ އަމިއްލަ ހިޔާލުތަކާ ވިސްނުމަށް ބަރޯސާ ވެގެން ކުރިއަށް ދިއުން މާ ބުއްދިވެރިކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.